ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެގްޒެކެޓިވް ބޯޑުގެ އަންނަ ދައުރުގައި ދެކުނު އިރުމަތީ އޭޝިއާ ތަމްސީލުކުރަން މިސަރަޙައްދުގެ ޤައުމުތަކުން ރާއްޖޭގެ ނަން ނޮމިނޭޓްކޮށްފި އެވެ.

ރާއްޖޭގެ ނަން ނޯމިނޭޓްކޮށްފައި ވަނީ ޑަބްލިއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 74 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގެ ތެރޭގަ އެވެ. މިގޮތަށް ނިންމާފައި ވަނީ މިބައްދަލުވުމުގައި ބައިވެރިވި 11 ގައުމުގެ މެދުގައި ކުރި މަޝްވަރާތަކަށްފަހުގަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ދިހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރެވެ.

މިބައްދަލުވުމުގައި ވަނީ މިސަރަހައްދުގައި ހުރި ސިއްޙަތާ ގުޅުންހުރި މުހިއްމު ނިންމުންތަކެއް ނިންމާފަ އެވެ. މީގެއިތުރުން މިވަގުތު މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތުގައި ސިއްޙީ ދާއިރާއިން ދެމުންގެންދާ އަސާސީ ޚިދުމަތްތައް ހަރުދަނާކޮށް ޚިދުމަތްތައް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ހާއްސަ ގަރާރެއްގައި ގައުމުތަކުންވަނީ ސޮއިކޮށްފަ އެވެ.

މިބައްދަލުވުމުގައި ވަނީ ސަރަޙައްދުގެ ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ މަސައްކަތަކާއި ގުޅޭ މަޝްވަރާތައް ވަނީ ކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ 75 ވަނަ ބައްދަލުވުމުގައި ހުށައެޅުމަށްޓަކާ ބައެއް ނިންމުންތައް ވަނީ ނިންމާފަ އެވެ.

މީގެ ތެރޭގައި އެޗްއައިވީ، ވައިރަލް ހެޕިޓައިޓިސް އަދި އެސްޓީއައި ނުވަތަ ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލުކުރުމަށް ކުރާ މަސައްކަތްތަކާއި މިފަދަ ބަލިމަޑުކަން ހުއްޓުވުމަށް އެކުލަވާލަން ޖެހޭ އެކްޝަން ޕްލޭންތަކާއި ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.