މައްސަރު ކަންތަކަކީ އަންހެނެއްގެ ހަޔާތުގެ މުހިއްމު ހިއްސާއަކަށް ވާއިރު، މި ކަމާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތު އެނގި ހޭލުންތެރިވެފައި ތިބުމަކީ މުހިއްމު ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ މައްސަރު ކަންތަކާ ބެހޭ ގޮތުން މުޖުތަމައުގެ ތެރޭގައި އާއްމުކޮށް ދެކެވިފައި އޮތް ބައެއް ކުށްހީ ތަކަށެވެ.

ތަދުވުމަކީ މައްސަލައެއް؟

މައްސަރު ކަންތަކުގައި ހޭދަވާ ދުވަސްވަރަކީ އަންހެނެއްގެ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްތަކެކެވެ. މި ދުވަސްތަކުގައި ދަށްބަނޑާއި އުނަގަނޑުގައި ކޮންމެ ވެސް ވަރަކަށް ތަދު އިހުސާސް ކުރެވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެ ތަދު ދެމިގެން ދާނަމަ ނުވަތަ އެއާއެކު އިތުރު އަލާމާތްތައް ހަށިގަނޑުން ފެންނަ ނަމަ ސިއްހީ އެހީ ހޯދަން ޖެހޭނެ އެވެ.

ބަލިވެއެއް ނީނދެވޭނެ

މައްސަރު ދުވަސްވަރު ބަލިވެ އިނުމަކީ ނުވާނެކަމެއް ކަމަށް އަހަރުމެންގެ ތެރޭގައި ހީވެފައި އޮވެ އެވެ. ހަގީގަތަކީ މި ދުވަސްވަރު ވެސް ބަނޑުބޮޑު ވެދާނެ ކަމެވެ. މައްސަރު ދުވަސްވަރު ނުނިމެނީސް ވެސް އަންހެނެއްގެ އޯވަރީން ބިސް ނުކުމެ ރަހިމުގެ ތެރޭގައި ވާނަމަ ބަލިވެ އިނދެވޭނެ އެވެ. ނަމަވެސް ގިނަ އަންހެނުންގެ ބިސް އޯވަރީން ނުކުންނަނީ މައްސަރު ކަންތައް ނިމުމުން ކަމަށްވުމާއެކު ބަލިވެ އިނުމުގެ ފުރުސަތު ކުޑަވެ އެވެ.

ކަސްރަތު ކުރުން ރަނގަޅެއް ނޫން؟

މައްސަރު ކަންކަމާ ގުޅޭ ގޮތުން ކުރެވޭ އަނެއް ކުށްހީއަކީ އެ ދުވަސްވަރު ކަސްރަތު ކުރުން ފަދަ ހަރަކާތްތައް ކުރުން ރަނގަޅު ނޫން ކަމަށް ދެކެވޭ ވާހަކަ އެވެ. ނަމަވެސް މި ދުވަސްވަރު ވެސް ގަވާއިދުން ކަސްރަތު ކުރުމަކީ ތިބާގެ އާއްމު ސިއްހަތަށް ފައިދާކުރާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.