އަންނަ ނޮވެމްބަރު ތިނެއްގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.

ދަ އިންޑިއަން އެކްސްޕްރެސް ނޫހުގައި މިއަދު ބުނެފައި ވަނީ ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމުގެ ކުރިން އިންޑިއާ އަދި ސްރީލަންކާއަށް ވަޑައިގަންވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ދުވަހަކު ކަމެއް އެ ނޫހުގައި ބުނެފައެއް ނުވެ އެވެ.

މިއީ އެމެރިކާގެ ޚާރިޖީ ވަޒީރަކު ފަހުގެ ތާރީހެއްގައި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މިދަތުރުފުޅާ ބެހޭ ގޮތުން ސުވާލުކުރުމުން "ހުރިހާ"އަށް ފޮރިން މިނިސްޓްރީން ބުނީ ބޭރު ގައުމުތަކުގެ އިސްވެރިންގެ ދަތުރުފުޅުގެ މައުލޫމާތު ހާމަކުރައްވަނީ ދަތުރުފުޅުގެ ޝެޑިއުލް ޔަގީންވުމުން ކަމަށެވެ.

"ރަހުމަތްތެރި ހުރިހާ ގައުމަކުން ރާއްޖެ ވަޑައިގަތުމަށް މި ސަރުކާރުން މަރުހަބާ ކިޔާނެ. އަދި ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވާތީ ބޭރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިންތިޒާރުކުރަން،" އެ މިނިސްޓްރީން ބުންޏެވެ.

އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު އަދި ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގްއާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އިންޑިއާއަށް ވަޑައިގަތުމަށްފަހު ސްރީލަންކާގައި މަޑުކުރައްވައި ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރާޖަ ޕަކްސައާ ވެސް ބައްދަލުކުރައްވާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.