ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަނެއްކާ ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފި އެވެ.

އިނގިރޭސިވިލާތުގައި މިހާރު ހުންނެވި އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ ރާއްޖެ ގަޑިން 9:00 ގައި ނިއުސް ކޮންފަރެންސެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި މިރޭގެ ނިއުސް ކޮންފަރެންސްގައި އޭނާ ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށްލާން ނިންމި ނިންމުމާއި، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅުގެ ވާހަކަ ދައްކަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަން ނިންމާފައިވާއިރު، ހުސްވި މަހުގެ 25 ވަނަ ދުވަހުވެސް އަލީ ވަހީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ދުވަހު އޭނާ ވަނީ ވިސާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އޭގެ ފަހުން އަލީ ވަހީދު އަންނަނީ ސަރުކާރަށާއި ޕީޖީ ޝަމީމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ވެސް އަލީ ވަހީދު ވަނީ މީގެ ކުރިން ގޮވާލައްވާފަ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.