ވޭތުވެދިޔަ 24 އަކަށް ގަޑިއަރަށްވުރެ ލަދުވެތި ވަކިން ލަދުވެތި ވަގުތުކޮޅެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ހަޔާތުގައި ނާންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެ. މުންދު މިހެން ވިދާޅުވީ ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން.

ވޭތުވެދިޔަ 24 އަކަށް ގަޑިއަރަށްވުރެ ލަދުވެތި ވަކިން ލަދުވެތި ވަގުތުކޮޅެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަޔާތުގައި ނާންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މުންދު ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރަކީ ވަރަށް ލަދުވެތި ކަންތައްތަކެއް އެމަނިކުފާނުގެ އިސްތަށުފުޅުގައި އެޅިގެންދިޔަ ގަޑިތަކެއް ކަމަށެވެ.

"ވޭތުވެދިޔަ 24 ގަޑިއިރަކީ އެމަނިކުފާނުގެ އިސްތަށިފުޅުގައި ސިޔާސީ ބަދަލު ހިފުމުގެ ތުހުމަތު އެޅިގެންދިޔަ ވަގުތު ކޮޅެއް. އާއިލީ ވެރިކަމެއް ކުރައްވާ ކަމުގެ ތުހުމަތު އެޅިގެން ދިޔަ ވަގުތެއް. އެމަނިކުފާނަކީ ބަދަލު ހިއްޕަވާ ބޭފުޅެއްކަން ސާބިތު ވެގެންދިޔަ ވަގުތެއް. ޝަރީއަތަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އެޅިގެން ދިޔަ ވަގުތެއް. މީޑިއާއަށް ރިޝްވަތު ދެއްވާ ކަމުގެ ތުހުމަތު އެޅިގެން ދިޔަ ވަގުތެއް،" ރައީސް ސާލިހު އެމްއެމްޕީއާރްސީގެ ފައިސާ ނެންގެވި ކަމަށް އަލީ ވަހީދު ދެއްކެވި ވާހަކަތަކާ ގުޅުވައިގެން މުންދު ވިދާޅުވި އެވެ.

އދ. ގެ އާއްމު މަޖިލީހުގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާ މުންދު ވިދާޅުވީ އދ. މަޖިލީހުގައި ވާހަކަ ދެއްކުމަކީ އޭގެ ޒާތުގައި ހަމަ ހަގީގަތުގައި ވެސް އުފާވެރި ކަމެއް ޝަރަފެއް ކަމަށާއި އދ. ގެ މަޖިލީހަކީ ކޮންމެ މެމްބަރު ގައުމަކަށް ވެސް އެ ރައްޔިތެއްގެ ހަގީގީ އިހްސާސާއި ހާލަތު އަދި އެ ރައްޔިތެއްގެ އުއްމީދާއި ތަސައްވުރު މުޅި ދުނިޔެއަށް، އެ ރައްޔިތެއްގެ މަންދޫބެއް މެދުވެރިކޮށް ހާމަކުރަން ކޮންމެ އަހަރަކު ލިބޭ ފުރުސަތެއް ކަމަށެވެ.

"ނަމަވެސް އަޑުއިވިގެން މިދިޔައީ ދިވެހިރާއްޖޭގެ މަންދޫބު ދިވެހި ބަހުން ކަމުގައި ވިޔަސް ވަރަށް ބީރައްޓެހި ވާހަކަތަކެއް ދެއްކެވި އަޑު. ރިޝްވަތުގައި ތިބި މީޑިއާތަކުން ބުނަނީ މިއީ ވަރަށް ފަހުރުވެރި ދުވަހެކޭ. ވަގުތެކޭ. އަޅުގަނޑު ދަންނަވާނީ މިރޭ މިއީ ރައްޔިތުންނަށް ވަރަށް ހިތާމަވެރި ލަދުވެތި ވަގުތެކޭ،" ރައީސް ސާލިހުގެ އެމެރިކާ ދަތުރުފުޅު ކަވަރުކުރުމަށް ބައެއް މީޑިއާތަކަށް ސަރުކާރުން ސްޕޮންސާ ދެއްވައިގެން ރައީސް އޮފީހުން ލިޔުއްވާފައިވާ ބައެއް ޚާބަރުތަކާ ގުޅޭގޮތުން ވެސް މުންދުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިތާ ދެކޮޅަށް ނަމަވެސް ފަލަސްތީނުގެ ވާހަކަ ވިދާޅުވި ކަމަށާއި ފަލަސްތީނުގެ މައްސަލައަކީ ރާއްޖޭގެ މިނިވަންކަމަށް އަރައިގެން މިއުޅޭ ގިލަންވެރިކަމާއި ވަރަށް އެއްގޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން މުންދު ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިސާރުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ރާއްޖޭގެ މިހާރުގެ ޙާލަތާއި ގުޅޭގޮތް ވަރަށް ތަފްސީލްކޮށް ކިޔާ ދެއްވާފަ އެވެ.

"ފަލަސްތީނާ އިސްރާއީލުގެ މައްސަލަ ފެށިގެން އަންނަނީ އިނގިރޭސިވިލާތުގެ ހާރިޖީ ސިޔާސަތުގެ ތެރެއިން. ހާރިޖީ ގުޅުންތަކުގެ ތެރޭގައި ދެފަށަލައެއް އޮންނަ ކަމަށާއި އޭގެ ތެރެއިން ބޭރަށް ފެންނަ ފަށަލައަކީ އެއްބަސްވުންތަކާއި އެހީތަކާއި ވިސާތަކާއި ސަފާރާތައް ގާއިމް ކުރުމާއި މިކަހަލަ ކަންތައްތައް،" އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ހާރިޖީ ގުޅުންތަކުގެ ތެރޭގައި ނުފެންނަ ފަށާލައިގެ ތެރޭގައި ރިޝްވަތާއި ޑަބަލް ޑީލިން އާއި ސަބްވާޝަން ނުވަތަ ތަނެއްގެ ތެރޭގައި މަސްލަހަތު އުފައްދާ ގުޖަޑު އުފެއްދުން ކަމަށެވެ.

"ސިޔާދަތީ ބާރު ގެއްލުން އަޅުގަނޑު އެއްގޮތް ކުރަނީ ރަށެއްގެ ގޮނޑު ދޮށަށް ރާޅު ޖަހަމުން ޖަހަމުން ގޮސް އެރަށް ގިރައިގެން ދިއުމާ. މެދު ނުކެނޑި ޖަހާ ރާޅަކާ އެކު ފަސްގަނޑު ގިރަމުން ވަރަށް ބޮޑު ބައި ގެއްލިފައި. ސިޔާދަތީ ބާރު ގެއްލިގެންދާކަމަށް ކުޑަކޮށްވެސް ހިލަމެއް ވާނަމަ ހިނގަމާ ބަހީ އަވަހަށް ވެލި ބަސްތާ ޖަހަން. ތޮށިލާން. ކުރެވުނު ކަމެއް ކުރަން،" ރާއްޖޭގެ މިނިވަންކަން ގެއްލެމުންދާ ގޮތް ސިފަކޮށްދެއްވަމުން މުންދު ވިދާޅުވި އެވެ.

މި ސަރުކާރުގެ މިވޭތުވެދިޔަ އެއްހާހަކަށް ދުވަހުގެ ތެރޭގައި ގާބިލު ވެރިއަކާ ނާގާބިލު ވެރިއަކާ ހުރި ތަފާތު ވަރަށް ސާފުކޮށް ފެނިއްޖެ ކަމަށްވެސް މުންދު ވިދާޅުވިއެވެ. އެގޮތުން އިންޑިޔާއިން އެހީއާއި ލޯނުގެ ގޮތުގައި ނަގަމުން ނަގަމުންގޮސް ގައުމު މިއޮތީ ނަގާ ކޮޅަށް ނުޖެހޭ ހިސާބުގައި ކަމަށް މުންދު ވިދާޅުވިއެވެ. ރައީސް ޔާމީން އަލުން ވެރިކަމަށް ގެންނަންޖެހެނީ އަޅުގަނޑުމެންގެ ސިޔާސަތުތައް އަލުން ހަމައަކަށް އަލުވައިގެން ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކުރުމަށް ކަމަށްވެސް މުންދު ވިދާޅުވި އެވެ.