މާލޭއަކީ ކުޅިވަރުތަކަށް މަރުހަބާ ކިޔާ، ސިޓީއަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު ޑރ. މުއިއްޒު މިހެން ވިދާޅުވީ ޖެޓް ސްކީގައި ރާއްޖެ ވަށާ ބުރެއް ޖެހުމަށް ފެށި ދަތުރުގެ ބައިވެރިންނަށް މާލޭ ސިޓީގެ ފަރާތުން މަރުހަބާ ދެންނެވުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މޭޔަރު ވިދާޅުވީ ހާއްސަ ގޮތެއްގައި މޫދު ކުޅިވަރު ވެސް ހިމެނޭ ގޮތަށް ކުޅިވަރަށް މަރުހަބާކިޔާ ތަނަކަށް މާލޭ ސިޓީ ހެއްދެވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

މި މަސައްކަތް ކާމިޔާބުކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތުގައި މިހާރު ކަމާބެހޭ އެސޯސިއޭޝަންތަކާއި ސަރުކާރުގެ މުވައްސަސާތަކާއެކު ވާހަކަދައްކަވައި މަޝްވަރާ ކުރައްވާފައިވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"މާލޭ ސިޓީގެ ތަރައްގީގެ ޕްލޭން ހެދުމުގައި މިބަލަނީ މިފަދަ ކަންކަމަށް ވީހާވެސް ބޮޑަށް ފުރުޞަތު ހޯދާ ދިނުމަށް. އެގޮތަށް ކައުންސިލްގެ ވިސްނުންހުރީ. އެގޮތުން މާލޭ ސިޓީގެ މާލެ ވިލިމާލެ އަދި ހުޅުމާލެވެސް މީގެ ތެރޭގައި ހިމެނޭނެ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ވީހާވެސް ބޮޑު ފުރުސަތެއް މޫދު ކުޅިވަރުތަކަށް ވެސް އަދި އެހެން ކުޅިވަރުތަކަށް ވެސް ދެވޭ ގޮތަށް ކަންކަން ފަހިކޮށްދިނުން ކަމަށެވެ.