ޕެރިސް (27 ސެޕްޓެމްބަރު) - ފްރާންސުން ފަގީރު ގައުމުތަކަށް ހަދިޔާކުރާ ވެކްސިންގެ އަދަދު ދެގުނަ އިތުރު ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ރައީސް މެނުއަލް މެކްރޯން އިއުލާން ކުރައްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕެރިސްގައި ބޭއްވި ގްލޯބަލް ސިޓިޒަން ކޮންސެޓްގައި ވީޑިއޯ ބްރޯޑްކާސްޓް މެދުވެރިކޮށް ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ ޔޫރަޕް ނޫން އެހެން ބައްރުތަކުގައި ވެކްސިން ކެމްޕެއިންތައް ވަރަށް ލަސް ކަމަށާއި އެހެން ކަމުން އެ ގައުމުތަކަށް ވެކްސިން ލިބޭނެ ގޮތެއް އަވަސް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން މިހާރު އެ ގައުމުން ފަގީރު ގައުމުތަކަށް ދޭ 60 މިލިއަން ވެކްސިން ޑޯޒު ދެގުނަ ކޮށް 120 މިލިއަން ވެކްސިން ޑޯޒަށް އިތުރު ކުރެވޭނެ ކަމަށް މެކްރޯން ވިދާޅުވި އެވެ.

ފްރާންސްގެ އިތުރުން އެމެރިކާއިން ވެސް ވަނީ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް އެގައުމުން ދެމުން އައި ވެކްސިން ޑޯޒުތަކުގެ އަދަދު 1.1 ބިލިއަނަށް އިތުރު ކޮށްފަ އެވެ. އެ ގައުމުގެ ރައީސް ޖޯ ބައިޑަން ވަނީ ފަގީރު ގައުމުތަކަށް ވެކްސިން ހަދިޔާ ކުރުމަކީ ގިނައިން އާމްދަނީ ލިބޭ ގައުމުތަކުގެ ޒިންމާއެއް ކަމަށް ވިދާޅުވެފަ އެވެ.

ވަކި ވަކި ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ދަނީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަންއިން ފަގީރު ގައުމުތަކަށް 500 މިލިއަން ޑޯޒް ދޭން ނިންމާފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވެސް ވަނީ ކޮވެކްސިން ކެމްޕެއިން މެދުވެރިކޮށް ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދެވޭނެ ޕްރޮގްރާމެއް ފަށާފަ އެވެ.

މީގެ އިތުރުން ފަގީރު ގައުމުތަކަށް ވެކްސިންގެ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ، މިސްރު، ސައޫދީ އަރަބިއާ އަދި ޖާމަނީ ހިމެނެ އެވެ. – އަލް އަރަބިއްޔާ