ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީނު ކުރުމަށް ދުރު ރާސްތާ ޕްލޭނެއް އިތުރުން މެދު ރާސްތާ ޕްލޭނެއް އެކުލަވާލަން ޖެހިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލު މިހެން ވިދާޅުވީ މިއަދު ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ކައުންސިލްތަކާ ބައްދަލުކުރައްވައި ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވައި އެކަންކަން އަވަހަށް ހައްލުކުރެއްވުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީކުރަމުންދާ މި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ލިބުމުގައި ދިމާވާދަތިތައް ހައްލުކުރުމަށް މަސްރަވާކޮށްގެން ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމުކަމެއް ކަމަށް ވިދާޅުވެފަ އެވެ.

މެޑިކަލް ކައުންސިލްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެ ކައުންސިލްތައް އިދާރީގޮތުން ހިންގުމުގައި ދިމާވާ ދަތިތަކާއި ބަޖެޓް ހޯދުމުގައި ދިމާވާ ދަތިތަކެވެ. މިގޮތުން ހުރިހާ ކައުންސިލަކުންވެސް ވަނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށްދެއްވަން ދަންނަވާފަ އެވެ.

މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިން ވަނީ ސިއްހީ ދާއިރާއިން މީހުން ބިނާކުރުމާއިއެކު އެދާއިރާގައި ތަމްރީންވާ މީހުން ވަޒީފާތަކުގައި ހަރުލެއްވުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަސްވަރާކުރައްވާފަ އެވެ. އަދި، ސިއްހީ ދާއިރާގެ ތަމްރީން ތަކަށް ބޭނުންވާ ކުދިން ހޯދުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވިދާނެކަންކަމާއި ސްކޫލް ދައުރުން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރުމަށް ކުދިން ސައުގުވެރިކުރުވުމަށް މަސައްކަތްކުރުން މުހިންމުކަމުގައި އެބޭފުޅުން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް ކައުންސިލްތައް ހިންގުމުގައި ދިމާވާ އެކި އެކި ދަތިތަކާ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ވަނީ މަސްވަރާކުރައްވާފަ އެވެ.

މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ މެޑިކަލް ކައުންސިލާއި، ނަރސިންގ ކައުންސިލާއި، އަދި އެލައިޑް ހެލްތް ކައުންސިލްގެ މެންބަރުނެވެ.