ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރުމަށް ކ. ކާށިދޫ ކައުންސިލުން ގޮވާލައިފި އެވެ.

އެ ކައުންސިލުން އޭނާ ހައްޔަރުކުރުމަށް ގޮވާލާފައި ވަނީ މެމްބަރު ޖާބިރު، މަޖިލީހުގެ ތަޅުމުގައި ހެއްކާ ބެހޭ ބިލަށް ވާހަކަ ދައްކަވަމުން، ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް އެދި ހާމަކަން ބޮޑު ގޮތެއްގައި ގޮވާލެއްވި މައްސަލައިގަ އެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް، އޭނާއަށް ލިބެންޖެހޭ ފިޔަވަޅު އެޅުމަށް ކާށިދޫ ކައުންސިލުން ވަނީ މިއަދު ގޮވާލާފަ އެވެ.

މިގޮތުން އޭނާއަށް ފިޔަވަޅު އަޅައިދިނުމަށް އެދި ކާށިދޫ ކައުންސިލުން ވަނީ އެ ކައުންސިލްގެ ފަސް މެމްބަރުން ސޮޔާއިއެކު ގަރާރެއް ނެރެފަ އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ދީނީ މިނިވަންކަން ދިނުމަށް ގޮވާއިލެއްވުމުން އިސްލާމްދީނުގެ އުސޫލުތަކާއި ރާއްޖޭގައި އަމަލުކުރަން ހަދައިފައިވާ ގާނޫނުތަކާ ހިލާފުވުމާ ގުޅިގެން، އެ ކައުންސިލުން ޖާބިރުގެ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

ހަމައެހެންމެ އެ މައްސަލަ ބަލައިދިނުމަށާއި، މައްސަލަ ތަހުގީގުކޮށް ގާނޫނީ ގޮތުން ޖާބިރުގެ މައްޗަށް އެޅެންވާ ފިޔަވަޅުތައް އެޅުމަށް އެ ކައުންސިލުން ވަނީ ސަރުކާރަށް އެދިފަ އެވެ.

މީގެ އިތުުރުން ދީނީ މިނިވަންކަން ދިނުމަށް ގޮވާލައި މެމްބަރު ޖާބިރު ދެއްކެވި ވާހަކަތަކަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކުރައްވައިގެން ދެއްކެވި ވާހަކަތަކެއް ކަމުގައި އެރަށުގެ ކައުންސިލާއި، ރަށުގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވާއިރު އެ މަސްއޫލިއްޔަތު ޒިންމާދާރުކަމާއިއެކު އަދާކުރެއްވުމަށް އެ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރު ޖާބިރު ދެއްކެވި ވާހަކައަށް ކައުންސިލްގެ އިތުރުން އާންމުންގެ ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވީ ނަމަވެސް، މަޖިލީހުގައި މެމްބަރު ޖާބިރުގެ ވާހަކަ ހުއްޓުވައި، އެއްވެސް މެމްބަރަކު އޭނާއާއި ދެކޮޅަށް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އަދި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ޖާބިރުގެ ވާހަކަ ހުއްޓުވައި ނުވަތަ ދެކޮޅަށް އެއްޗެއް ވިދާޅުވެފައި ނުވާކަން ފާހަގަވި އެވެ.