ތިއުޅެނީ ކަކުލު ހުޅުގައި ރިއްސާތީ ހެއްޔެވެ؟ ނުވަތަ ވާގިނެތުމުގެ މައްސަލައަށް ފަރުވާ ހޯދާނެ ގޮތެއް ބޭނުން ހެއްޔެވެ؟ ތިޔަ ވޭނަށް ފައްޕިލާވެލިން ތައްޔާރުކުރާ ބޭހުން ފަރުވާ ހޯދަން ބޭނުން ހެއްޔެވެ؟ މިހިރީ އެފަދަ އެކި ތަދުތަކަށާއި ބަލިތަކަށް ފަރުވާދޭ ހާއްސަ ޒަމާނީ ދިވެހި ބޭސް ކްލިނިކެކެވެ.

ފުވައްމުލަކުގައި ހިންގާ "ހީލިން ޕޮއިޓް" އަކީ ހިޖާމާ ޖެހުމާއި ފަތްޕިލާވެލިން ބޭސް އުފައްދައިގެން އެކި ބަލިތަކަށް ކާމިޔާބު ކަމާއެކު ފަރުވާ ދެމުން އަންނަ ތަނެކެވެ.

މި ކްލިނިކްގައި ދެވޭ ފަރުވާތަކުގެ ތެރޭގައި ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށާއި ޑިޕްރެޝަން، ބޮލުގައި ރިއްސުން ޕައިލްސް މައްސަލަ، ގެސްޓްރައިޓިސް، ޖިންސީ ބަލިކަށިކަމަށް ދެވޭ ފަރުވާ، ހަށިގަނޑުގެ އެކި ތަންތަނަށް އަރާ ތަދު ފިލުވައިދިނުން، ރާއްޖެ ބަލި، އައްސިވުން، ވާގިނެތުން އަދި މައިގްރޭންގެ މައްސަލަތަކަށް ދޭ ފަރުވާ ވެސް ހިމެނެ އެވެ.

ހީލިން ޕޮއިންޓްގެ ފެށުން

ފުވައްމުލަކުގައި ދިރިއުޅެމުން އަންނަ އަހުމަދު ވަހީދު، 48 (ވައްޑޭ) އަކީ ބޭސްވެރިކަމުގެ އާއިލާއެއްގެ ތެރެއަށް އުފަންވި ކުޅަދާނަ ދިވެހި ބޭސްވެރިއެކެވެ. ވަހީދުގެ ކާފަ ކަރެއްޔެ ދޮންތު ދީދީ (އަހުމަދު ފަހުމީ ދީދީ) އަކީ 1950 އަދި 1960ގެ އަހަރުތަކުގައި މުޅި ރާއްޖެއަށް ވެސް ދިވެހި ބޭސްވެރިއެކެވެ. އަދި ވަހީދުގެ ބައްޕަ މުހައްމަދު އަހުމަދު ދީދީ އަކީ ވެސް އެތައް އަހަރެއް ވަންދެން ފުވައްމުލަކުގައި ކޮމިނިއުނިޓީ ހެލްތު ވޯކަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޭސްވެރިންގެ ތެރޭގައި ހިމެނޭ ފުވައްމުލަކު ކަރެއްޔެ ދޮންތުއްތު ދީދީ (އަހުމަދު ފަހުމީ ދީދީ).

ވަހީދުގެ ބޭސްވެރިކަމުގެ ފެށުމަކީ މިއީ އެވެ؛ މީގެ އަހަރުތަކެއް ކުރިން އައްޑޫ މީހަކު ހިޖާމާ ޖެހިތަން ފެނިގެން އޭނާ ހިތަށް އެރި އެވެ. މިކަން ވެސް ކުރަން ވަނީ ކިޔަވައި ދަސްކޮށްގެންނެވެ.

"އެމީހާ ހިޖާމާ ޖެހިތަން ފެނިފައި ހިތަށް އެރި އަހަރެން އެކަން ކުރަންވާނީ ރަނގަޅަށް ދަސްކޮށްގެންނޭ. އެހެންވެ ނިންމީ ހިޖާމާ ޖަހާނެ ގޮތް ކިޔަވައިގެން ދަސްކުރަން،" ހިޖާމާ ޖަހަން ފެށުނު ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.

ހިޖާމާ ޖަހަން ދަސްކޮށްގެން އެކަމުގެ ތެރެއަށް އޭނާ ވަނީ 2013 ވަނަ އަހަރު އެވެ.

"ހިޖާމާ ޖަހަން ފެށުމުގެ ކުރިން ވެސް އެކި ބަލިތަކަށާއި ތަދުތައް ފިލުވަން ދިވެހި ބޭސް ތައްޔާރުކުރަން އެނގޭ. ނަމަވެސް ދިވެހި ބޭސްކޮށްދީ ނޫޅެން،" ވަހީދު ބުންޏެވެ.

ވަހީދުގެ ދިވެހި ބޭސް ކްލިނިކްގައި މީހަކަށް ސްޕޯޓްސް އިންޖަރީ ޓްރީމަންޓެއް ދެނީ. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

އޭނާ ބޭނުންވީ ހިޖާމާ ޖެހުމުގެ އިތުރުން ޓްރެޑިޝަނަލް މެޑިސިން ވެސް ކިޔަވައިގެން އެކަން ކުރަން ފެށުމަށެވެ. ހިޖާމާ ޖެހުމާއި ފައްޕިލާވެއްޔާއި އެނޫން ވެސް ބާވަތްތައް އެއްކޮށްގެން ދިވެހި ބޭސް ތައްޔާރުކުރަން ފެށީ ރާއްޖެއިން ބޭރުން ތިން އަހަރު ދުވަހު އެ ދާއިރާއިން ކިޔެވުމަށްފަހު އެވެ. ވަހީދު ވަނީ އިނގިރޭސިވިލާތުގެ ހިޖާމާ އެންޑް ޕްރޮފެޓިކް މެޑިސިން އިންސްޓިއުޓުން ހިންގި އިސްލާމިކް މެޑިސިން ކޯހެއް ފުރިހަމަކޮށްފަ އެވެ. އެ ކޯހުގެ ތެރެއިން އޭނާ ވަނީ އެތެރެހަށީގެ ބަލިތަކަށާއި ކުޅިވަރުން ދިމާވާ ތަދުތަކަށާއި އެ ނޫން ވެސް ބޮޑެތި ބަލިތަކަށް ފަރުވާކުރަން ދަސްކޮށްފަ އެވެ.

"މިހާރު ހީލިން ޕޮއިންޓުން ވަނީ އިންޓާނަލް ބަލިތަކަށާއި ސްޕޯޓްސް އިންޖަރީވި އެތައް ކާމިޔާބުކަމާއެކު ފަރުވާދީފައި. އަޅުގަނޑު ފަރުވާ ދެނީ ހިޖާމާ ޖަހައިގެންނާއި ދިވެހި ބޭސް ތައްޔާރުކޮށްގެން،" ވަހީދު ބުންޏެވެ.

އެ ހުރިހާ ބަލިތަކަށް ވެސް އޭނާ ފަރުވާ ދެނީ އަމިއްލަ ދެއަތުން ތައްޔާރުކުރާ ބޭސް ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި އުނގުޅާ ބޭހާއި ބޯ ބޭސް ވެސް ހިމެނެ އެވެ.

ބޮޑެތި ބަލިތަކަށް ކާމިޔާބު ފަރުވާތަކެއް

ކެންސަރު ފަދަ ނުރައްކާތެރި އަދި ފަރުވާދޭން އުނދަގޫ ބައްޔަކަށް ކީމޯ ފިޔަވައި އެހެން ގޮތަކުން ފަރުވާދީގެން ރަނގަޅުކުރެވިދާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟

ވަހީދު ވަނީ ކެންސަރު ބަލި ޖެހިގެން ކީމޯ ދޭން ޖެހޭ ކަމަށް އިންޑިއާގެ ހޮސްޕިޓަލުން ނިންމާފައިވާ މީހަކަށް ތިން މަސްދުވަހުގެ ޓްރީމަންޓެއް ދީގެން ރަނގަޅުކޮށްފަ އެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ.

"އެ މީހާއަށް ފަރުވާ ދިނީ މާލޭގައި. އެއީ ކީމޯ ދޭން ޖެހޭ ކަމަށް އިންޑިއާގެ ޑޮކްޓަރުން ލަފާ ދީފައިވާ މީހެއް. އެ މީހާއަށް ދިނީ ތިން މަސް ދުވަހުގެ ޓްރީމަންޓެއް. އެ ބަލިން ރަނގަޅުވެ އަދިވެސް އެ މީހާ ދުނިޔޭގައި ގަދަވެ ސަލާމަތުން އެބަހުރި،" އޭނާ ޔަގީންކަމާއެކު ދިން ފަރުވާތަކުގެ ވާހަކަ ފަށަމުން ބުންޏެވެ.

ވަހީދު ހިންގާ ހީލިން ޕޮއިންޓުން ވަނީ ކަކުލު ހުޅު ބަދަލުކުރަން ކަށީގެ ޑޮކްޓަރުން ލަފާދީފައިވާ އެތައް މީހަކަށް ކާމިޔާބުކަމާއެކު ފަރުވާ ދީފަ އެވެ. މީގެ އިތުރުން ސްޓްރޯކް ޖެހިގެން ނުހިނގި ތިބި އެތައް މީހަކަށް ވެސް އޭނާ ވަނީ ފަރުވާދީގެން އަމިއްލައަށް ހިނގާބިގާވެ އުޅެވޭވަރު ކޮށްދީފަ އެވެ. މީގެ އިތުރުން ކިޑްނީގެ ހިލަ ގޮއްވުން ފަދަ އެތައް ފަރުވާއެއް އޭނާ އަންނީ ދެމުންނެވެ.

"ކަކުލު ހުޅު ބަދަލުކުރަން ޑޮކްޓަރުން ލަފާދިން އެތައް މީހަކަށް ފަރުވާ ދިންފަހުން އެބައުޅޭ ހަމަ ނޯމަލް ދިރިއުޅުމުގައި. ހަމައެގޮތަށް ސްޓްރޯކް ޖެހިގެން ނުހިނގި ތަންމަތީގައި ތިބި މީހުންނަށް ވެސް ފަރުވާދީގެން ރަނގަޅުކޮށްދީފައި ހުންނާނެ،" ވަހީދު ދިން ބައެއް ފަރުވާތަކާ ބެހޭ ގޮތުން ބުންޏެވެ.

ވަހީދުގެ ދިވެހި ބޭސް ކްލިނިކްގައި މީހަކަށް ސްޕޯޓްސް އިންޖަރީ ޓްރީމަންޓެއް ދެނީ. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

އާއްމުކޮށް ގިނަ ބަޔަކަށް ދިމާވާ ބަނޑުގައި ވައި ހެދުމުގެ މައްސަލަ އާއި ފުރަގަސްފަރާތު ބަލި (ޕައިލްސް)އަށް ފަރުވާ ދިނުމުގެ އިތުރުން މޫނުގައި ނަގާ އޮށާޅަ މާކް ނުހުންނަ ގޮތަށް ހިޖާމާ ޖަހައިގެން ވަހީދު ރަނގަޅުދީފައިވެ އެވެ.

"މިފަދަ އެތައް ބަލިތަކަށް ކާމިޔާބުކަމާއެކު ފަރުވާދީ ރަނގަޅުކޮށްފައި ހުންނާނެ. މިރަށުގެ އިތުރުން އެހެން ރަށްރަށަށް ގޮސް ވެސް ފަރުވާ ދީފައި ހުންނާނެ. މައިގަނޑު ގޮތެއްގައި އައްޑޫގައި މަހަކު އެއްފަހަރު ފަރުވާދޭން ދަން،" އޭނާ ބުންޏެވެ.

ވަހީދުގެ ހީލިން ޕޮއިންޓްގެ ގޮތްޕެއް ސ. ހިތަދޫގައި ވެސް ހިންގަ އެވެ.

ފަރުވާ ދެނީ އަމިއްލައަށް ބޭސް އުފައްދައިގެން

ވަހީދުގެ ހީލިން ޕޮއިންޓަށް ފަރުވާ ހޯދަން ދާ މީހަކު ބޭސް ހަދަން ބޭނުންވާ ތަކެއްޗާ މެދު ވިސްނާކަށް ނުޖެހޭނެ އެވެ. ވަހީދު ބޭސްކުރަން ފަށާނީ އެ ހުރިހާ އެއްޗެއް އަތްމަތިކޮށްގެންނެވެ.

"އެ މީހުންނާ ތަފާތު ގޮތަކަށް އަހަރެން ޓްރެޑިޝަނަލް މެޑިސިން މިކުރަނީ. އަމިއްލައަށް ތައްޔާރުކޮށްގެން ކާ ބޭހާއި ބޯ ބޭހާއި އުނގުޅާ ބޭސް ވެސް ދެނީ،" އޭނާ ބުންޏެވެ.

ވަހީދު އެ ބުނީ ތެދެކެވެ. އޭނާގެ ހީލިން ޕޮއިންޓް ކްލިނިކަށް ވަނުމުން އެކަން އެނގެ އެވެ. އުނގުޅާ ތެލާއި ބޭސް އުފައްދަން ބޭނުންކުރަން ގެނެސްފައި ހުރި ޑެޑްސީގެ ލޮނު އެކި ހަރުތަކުގައި އަތުރާފައި ހުއްޓެވެ.

ވަހީދުގެ ދިވެހި ބޭސް ކްލިނިކްގައި މީހަކަށް ސްޕޯޓްސް އިންޖަރީ ޓްރީމަންޓެއް ދެނީ. ފޮޓޯ: އަބްދުﷲ ޖަމީލް | ހުރިހާ

"މިތަނުގައި މިހިރަ ތަކެތިން ބޭސް އުފައްދާނީ. މި ބޭހުން އެއްވެސް ނުބައި ވަހެއް ނުދުވާނެ. އެގޮތަށް ވިސްނައިގެން ބޭސް ތައްޔާރުކުރަނީ،" އޭނާގެ ކްލިނިކްގައި ހުރި ތަކެތި ދައްކާލަމުން ބުންޏެވެ.

މީގެ އިތުރުން އެތަނުގައި ތަދު ފިލުވުމަށާއި ހިޖާމާ ޖަހަން ބޭނުންކުރަނީ އެކަމަށް ހާއްސަ މެޝިނަރީ އެވެ.

ވަހީދުގެ ހީލިން ޕޮއިންޓަކީ އެކިއެކި ބަލިތަކަށް މުޅިން ތަފާތު ފަރުވާ ދޭ ތަނެކެވެ. އެ ކްލިނިކުން ފަރުވާ ހޯދަން އެދޭ މީހުންގެ އެޕޮއިންޓްމަންޓް ކިޔޫ ވަރަށް ދިގެވެ. ނަމަވެސް ވަހީދު ހުރީ ކޮންމެ މީހަކަށް ވެސް އުފުލާއެކު ފަރުވާދޭން ތައްޔާރަށެވެ.