ކަފާލާތު ދިނުމުގައި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ މައްސަލައާ ތަފާތުކޮށް، ދައުލަތުން އަމަލުކުރި ސަބަބެއް ސުޕްރީމް ކޯޓުގައި ދައުލަތަށް މިއަދު ބުނެ ނުދެވި، އަދި ޔާމީންގެ ވަކީލުންގެ ފާޑުކިޔުންތައް ދައުލަތަށް އަމާޒުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ތާއީދު ކުރުމުން އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލާގެ އިސްތިއުނާފް ނިމެންދެން އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަންކުރަން ވަނީ އެދިފަ އެވެ. ދައުލަތުން އެކަމަށް ދެކޮޅެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ކަފާލާތު ދިނުމުގައި އެހެން ބޭފުޅުންނާ ޔާމީނާ ތަފާތުކޮށް ދައުލަތުން އަމަލުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޔާމީންގެ ވެރިކަމުގައި ޖަލަށްލި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ހައި ކޯޓުން ކަފާލާތު ލިބިވަޑައިގަތް ކަން ވަކީލުން ފާހަގަ ކުރެއްވި އެވެ.

ދައުލަތުން ބުނީ ކުށް ސާބިތުވެފައި ތިބޭ މީހުން ކަފާލާތުގެ ދަށުން ދޫކުރުމަކީ ރާއްޖޭގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށާއި ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ތިބޭ މީހުންނަށް އެކަނި ކަމަށެވެ. މައުމޫނާއި ފާރިސާއި ގާސިމަށް ހައި ކޯޓުން ކަފާލާތު ދިން ކަމާ މެދު ދައުލަތުން ދެކޮޅެއް ނަހަދަ އެވެ. އަދި އެ މައްސަލަ ދައުލަތުން އޭރު އިސްތިއުނާފް ނުކުރާ ކަމަށް ދައުލަތުން ވެސް އެއްބަސްވި އެވެ. އެކަމަކު އޭރު ދައުލަތުން އެ މައްސަލަ އިސްތިއުނާފް ނުކުރީ ކީއްވެގެން ކަމެއް ދައުލަތުން ނުބުންޏެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ކަފާލާތު ނުދެވޭނީ ފިލާފާނެ ކަމުގެ ފުރުސަތު އޮންނަ ހާލަތުގައި އެކަނި ކަމަށާއި ނަމަވެސް ޔާމީންގެ ފަރާތުން އެފަދަ ފުރުސަތެއް ނެތް ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ކަފާލާތު ދެވޭނެ ކަމަށް އިންޑިއާގެ ކޯޓުތަކުން ނިންމާފައިވާ ގިނަ މައްސަލަތަކެއް ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.

އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ ކަފާލާތާއި ހުކުމް ތަންފީޒު ކުރުން ފަސްކުރުމާ މެދު މާދަމާ ގޮތެއް ނިންމާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.