ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދު ރާއްޖޭ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މިއީ އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ފަހުން، ޝާހިދު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ފޮރިން މިނިސްޓަރު ޝާހިދަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މަޢުސޫމް އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އިތުރުން ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުރުން އުއްތަމަ ފަނޑިޔާރާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެވަޑައިގަތުމަށް ދައުވަތު ދެއްވީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ޝާހިދާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު ހޮވިވަޑައިގަތީ މި އަހަރުގެ ޖޫން މަހު އެވެ.

އާއްމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.