މިހާރު ރާއްޖޭގައި ތިބި ވެރިން އަންނަނީ ގައުމަށް ގައްދާރުވަމުން ކަމަށާއި ގައުމުގެ މިނިވަންކަން ގެއްލެނީ އެފަދަ ވެރިންގެ ސަބަބުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައުމުގެ މިނިވަންކަން ގިނަ ފަހަރު ގެއްލެނީ ވެރިން ގައުމަށް ގައްދާރުވުމުން ކަމަށާއި މިހާރު އޮތީ އެފަދަ ވެރިކަމެއް ކަމަށެވެ. އަދި ކޮންމެ ނޭވާއެއް މިފަސްގަނޑު މިލަނީ ހާސްކަމާއި ބިރުވެރިކަމުގައި ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"މިނިވަންކަން ގިނަ ފަހަރަށް ގެއްލިފައިވަނީ ވެރިން ގައުމަށް ގައްދާރުވުމުން. މިހާރު އޮތީ އެފަދަ ވެރިކަމެއް. ކޮންމެ ނޭވާއެއް މިފަސްގަނޑު މިލަނީ ހާސްކަމާއި ބިރުވެރިކަމުގައި. ގައުމީ ދުވަހުގެ ބަޠަލްގެ ޒިކްރާ އާކޮށް ގައުމުގެ ދިފާއުގައި ތެދުވަން އެދި ގޮވަނީ. ގައުމީ ދުވަހުގެ ތަހުނިޔާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް މިހެން ވިދާޅުވިއިރު މިސަރުކާރުން އަންނަނީ އިންޑިއާ އެކު ވަރަށް ގާތްގުޅުމެއް ބާއްވަމުންނެވެ. އަދި އިންޑިއާ އާއި ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަށް އިދިކޮޅުންނާއި ރައްޔިތުން ގޮވަމުން އަންނައިރު ވެސް އެ އެއްބަސްވުންތައް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެހެން ނަމަވެސް ސަރުކާރުން އަންނަނީ އިދިކޮޅުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ކަމަށް ބުނަމުންނެވެ.