ރައީސް ސޯލިހާއި އެމްޑީޕީން ޝާހިދަށް ތައުރީފު އޮއްސަމުންދާއިރު އެމްޑީޕީގެ ރައީސް، އަދި ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ނުރައްކާ އޮތްކަމަށް ވިދާޅުވެ، ރާއްޖެ އަނބުރާ ވަޑައިނުގެން ގައުމުން ބޭރުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މިކަމުގައި އެއްވެސް ބަހެއް ވިދާޅުވާތަނެއް ނުފެނޭ.

ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރޭ އަރުވައިފަ އެވެ.

ޝާހިދުގެ އދ.ގެ މަގާމާއި އެރުވުނު ޝަރަފާ ގުޅިގެން ތައުރީފާއި ސަނާ ދަނީ އިންތިހާއަށް އޮހެމުންނެވެ. އާއްމު މަޖިލީހުގެ ރައީސް ވަޑައިގެންނެވުމުން ގައުމެއްގެ އެންމެ މަތީ ވެރިއަކަށް އަރުވާ ޝަރަފާ އިއްޒަތާ ކުރުނީސް ރައީސް ސޯލިހު ވެސް ވަނީ ޝާހިދަށް އަރުވާފަ އެވެ. އަދި ބޭރުގެ ފަރާތްތަކާ ސަފީރުންނާއި މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވާ ޒުވާނުންނާ ސްކޫލްގެ ދަރިވަރުންނާ ޝާހިދު އެކިއެކި ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ. އަދި ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އެމަނިކުފާނަށް އެންމެ މީރު ވަސް ދުވާ ސެންޓާއި ބުރަކޮށް އުޅުއްވަމުން ކެއިން ބުއިމަށް ވަގުތު ހޯއްދަވާ ގޮތާއި އެމެރިކާގައި ހުންނަވާއިރު އެންމެ މިސްވާ ކަންތައްތަކާ ބެހޭގޮތުން ވެސް އިންޓަވިއުއެއް ވެސް ދެއްވި އެވެ.

ރައީސް ސޯލިހުގެ ފުރިހަމަ ތައުރީފާއި ސަނާ ޝާހިދަށް މިހާ ބޮޑަށް އޮހެމުންދާއިރު، އެމްޑީޕީންވެސް ވަނީ ޝާހިދަށް ތައުރީފާއި ސަނާގެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި"ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދަށް ދައުލަތުން އަރުވާ އެންމެ މަތީ އެ ޝަރަފު ލިބިވަޑައިގަތުމާއި އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން އެ މުހިންމު ދައުރު ގާބިލުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމީ މި ޕާޓީއަށް ވެސް ލިބުނު ނުހަނު ބޮޑު ޝަރަފެއް" ކަމުގަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު، އދ. އާންމު މަޖިލީހުގ 76 ވަނަ ސެޝަންގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ތަގުރީރު ދެއްވަނީ.

ރައީސް ސޯލިހު، ޝާހިދަށް އެ މަގާމު އަރުވާފައިވަނީ އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުތަކުގެ ހަރުދަނާކަމުގެ ސަބަބުން ކަމަށާއި އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ އަޑު އިއްވުމަށް ކުރާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

ރައީސް ސާލިހާއި އެމްޑީޕީން ޝާހިދަށް ތައުރީފު އޮއްސަމުންދާއިރު އެމްޑީޕީގެ ރައީސް، އަދި ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ނުރައްކާ އޮތްކަމަށް ވިދާޅުވެ ރާއްޖެ އަނބުރާ ވަޑައިނުގެން ގައުމުން ބޭރުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މިކަމުގައި އެއްވެސް ބަހެއް ވިދާޅުވާތަނެއް ނުފެނެ އެވެ. އަދި ޝާހިދަށް ރައީސް ސާލިހު އެރުވި ޝަރަފާ ގުޅިގެން ވެސް އެމަނިކުފާނުގެ ޓުވީޓެއް ވެސް ނެތެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ޓުވީޓްކުރެއްވިއިރު ވެސް ޝާހިދުގެ ދަތުރުފުޅުގެ ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޝާހިދަށް މިޝަރަފުއެރުވުމަކީ ވަރަށް ކުއްލިއަކަށް ރައީސް ސޯލިހު ނިންމެވި ކަމެކެވެ. އަދި އެކަމާ އެބޭފުޅުންނާ މަޝްވަރާ ކުރައްވާފައެއް ވެސް ނެތެވެ. މިއީ ވެސް ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކޯޅުމުގެ ތެރެއިން ބައިބައިވެފައިވާ އެމްޑީޕީގައި ރައީސް ސާލިހު ކުޅުއްވި ކުޅިއެއްކަމަށް ބައެއް އެމްޑީޕީގެ ބޭފުޅުން ވިދާޅުވެ އެވެ.