ކަޅު ކޮފީ ނުވަތަ އެހެނިހެން ހިތި ރަހަ ދޭ ކާބޯތަކެއްޗަށް ލޯބި ކުރާ މީހުންގެ ކިބައިގައި ރުޅިގަދަ މީހުންގެ ކިބާގައި ސިފަތައް ހުންނަ ކަމަށް އޮސްޓްރިއާގައި ހުންނަ ޔުނިވަސިޓޯ އޮފް އިންސްބްރަކްގެ ދިރާސާއަކުން ދައްކައިފި އެވެ.
އެޕެޓައިޓް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި 1،000 މީހުން ބައިވެރިކޮށްފައިވާ އިރު އެމީހުންނަށް އެންމެ ކަމުދާ ރަހައިގެ އިތުރުން ނާސިސިޒަމް، ސައިކޯޕާތީ، ސޭޑިޒަމް އަދި އެގްރެޝަން ފަދަ ޕާސަނަލިޓީ ޓެސްޓްތައް ހަދާފައިވެ އެވެ.
މި ދިރާސާއިން އިތުރަށް ހާމަވެފައިވާ ގޮތުގައި ކިރު އަޅަގައިގެންނާއި ފޮނިކޮށް ކޮފީބޯ މީހުންނަކީ ހިތްހެޔޮ އަދި އެކަކު އަނެކަކަށް އަޅާލާ މީހުންނެވެ.
ދިރާސާވެރިން ބުނާގޮތުން ހިތި ކޮށް ކޮފީ ބޯމީހުންގެ ކިބައިގައި ހުންނަ ސައިކޯޕެތިކް ކަންތައް "ކްރޮނިކް" ކަންތަކަށް ބަދަލުވެދާނެ ކަމަށާއި ދުވަސްވާ ވަރަކަށް ގޯސް ވެސް ވެދާނެ ކަމަށެވެ.
މި ދިރާސާގެ ނަތީޖާތައް މިހެން ދެއްކި ކަމުގައި ވިޔަސް ހިތި ކާއެއްޗެހި ކެއުމުން މީހާގެ އުޅުމަށް ބަދަލު އަންނަނީ ކޮން ސަބަބަކާ ހެދިކަމެއް ދެނެގަނެވިފައެއް ނުވެ އެވެ. މިގެ އިތުރުން ވިސްނާލަންޖެހޭ އަނެއް ކަމަކީ ތަފާތު ރަހަތައް ކަމުދިޔުމުގައި އުޅެ ބޮޑުވާ މާހައުލު ބޮޑު ދައުރެއް އަދާކުރާ ކަމެވެ. އަދި ކަމުދާ ރަހަތައް އުމުރާއެކީ ބަދަލު ވެސް ވާކަމެވެ.
މިސާލަކަށް ކުޑައިރު ތަރުކާރީ ވަރަށް ނުބައިވެދާނެ އެވެ. އަދި އެންމެ ފުރަތަމަ ކޮފީ ބޯއިރު މީރު ވެސް ނުވެދާނެ އެވެ.
ކަޅު ކޮފީ ބޯ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ސިއްހަތަށް ވެސް ވަރަށް ބަލައިގެން އުޅޭ މީހުންނެވެ. ކޮފީއަކީ އެހެން އެއްޗަކާ އެއްކޮށްފައި ނުހުންނަ އިރު ސިއްހަތަށް ފައިދާހުރި އެއްޗެކެވެ