މޫނުގައި އަޅާ މާސްކަކީ މިހާރު ދިރިއުޅުމުގެ ހިއްސާއަކަށް ވެއްޖެ އެވެ. ބައެއް މީހުންނަށް މާސްކާ ނުލާ އުޅެން އުނދަގޫވާ ވަރަށް އެއަށް އާދަވެފައި ވާއިރު ބައެއް މީހުންނަށް އަދިވެސް މާސްކު އަޅައިގެން އުޅުމަކީ ބޮޑު ވޭނެކެވެ. އެގޮތުން މާސްކު އެޅުމުން ނަގާ ބިއްސަކީ އެކަމުގެ އެންމެ އުނދަގޫ ކަންތައް ކަމުގައި މީހުން ބުނެ އެވެ.
މިކަމާއި ގުޅޭ ގޮތުން ކޮސްމެޓިކްސް ސާޖަން އެއް ކަމަށްވާ ޑރ. ގީތާ ގްރެވަލް ވިދާޅުވި ގޮތުގައި މޫނުގައި ހޭކޭވަރުގެ ބާރު މާސްކެއް އަޅައިގެން ހުރުމުން ނޭވާ ލާއިރު އެ ހުންނަ ތެތް ކަމާއި މޫނުން ހިއްލާ ދާ މާސްކުގެ އެތެރޭގައި ހިފެހެއްޓިފައި ހުންނަ ކަމަށާއި، މިއީ ބިހި ނެގުމަށް މަގުފަހިކުރުވާ ބެކްޓީރިއާ އާލާވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
"ޕެންޑެމިކްގެ ކަންބޮޑުވުންތަކާއި މާސްކު އަޅައިގެން ހުރުމުން ވާ އުނދަގޫތަކުގެ ސަބަބުން މޫނުގައި ބިހި ނެގުން އިތުރުވެގެން ދޭ. އަދި މޫނުގައި ބެކްޓީރިއަލް އިންބެލެންސްގެ ސަބަބުން ބިހި ނަގާ މޫނު ރަތްވުމުގެ އިތުރަށް ޕެރިއޯރަލް ޑާމަޓައިސިސް ކިޔާ ހާލަތެއް މެދުވެރިވޭ. މީގެ ސަބަބުން ނޭފަތާއި އަނގަ ކައިރީގައި ގިނަ އަދަދަކަށް ބިހި ނަގާގޮތްވޭ،" ޑރ. ގީތާ ވިދާޅުވި އެވެ.
ޑޮކްޓަރު ވަނީ މާސްކު އެޅުމުގެ ސަބަބުން މޫނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ބައެއް ކަންތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި:
- އަބަދުވެސް މަޑު ފޮތީގެ މާސްކެއް އެޅުން. އަދި ބާރުވެގެން މޫނުގައި ޖެހޭ ކަހަލަ މާސްކު ނޭޅުން
- ގިނަ ވަގުތު ވަންދެން މާސްކު އަޅައިގެން ހުންނަން ޖެހޭ ނަމަ އެޒެލެއިން އެސިޑް ހުންނަ މޮއިސްޗަރައިޒާއެއް ބޭނުންކުރުން، ނުވަތަ ސެލިސިލިކް އެސިޑް ނުވަތަ ގްލައިކޮލިކް އެސިޑް ހުންނަ މޮއިސްޗަރައިޒާ އެއްވެސް ބޭނުންކުރެވިދާނެ
- މާސްކު އަޅައިގެން ހުންނަ އިރު މޫނު ދޮވެވޭނެ ގޮތެއް ނެތްނަމަ ދޭތެރެ ދޭތެރެއިން ޓިޝޫއެއް ބޭނުންކޮށްގެން މޫނު ފޮހެލުން
- އަތް ނުދޮވެ މޫނުގައި އަތް ނުލުން، އިސްތަށިގަނޑު މޫނުގައި ޖެހޭގޮތަށް ނުބޭއްވުން.
- މޫނުގައި ހުންނަ ބިހި ކޮއްޓާ ނުހެދުން
- ހެނދުނާއި ހަވީރު މޫނުގައި ކިއުކަމްބާ އެކްސްޓްރެކްޓް ބޭނުންކުރުން. (ކިއުކަމްބާ އަކީ އެންޓި-އިންފްލެމޭޓަރީ ބާރު ހުންނަ އަދި މޫނުގައި ބިހި ނެގުމުން ދުރުކޮށްދޭ އެއްޗެއް)
- ސިއްހަތަށް ރަނގަޅު ކާނާ ކެއުން، ކާބް މަދުކޮށްލާފައި ފެހި ތަރުކާރީ، ސްޕިނެޗް އަދި ލެމަން ޖިންޖާ ޖޫސް ބުއިން. (ލެމަން ޖިންޖާ ޖޫހަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދޭނެ އެހީވެދޭ އެއްޗެއް)
- މާ ބޮޑަށް މޫނު ރަތްވާ ނަމަ ޑޮކްޓަރަށް ދެއްކުން. އަދި މޫނުގައި އެއްވެސް އެއްޗެއް އުނގުޅުމުގެ ކުރިން 'ޕެޗް ޓެސްޓެ' ކޮށް އެއްވެސް އެލާޖީއެއް ހުރިތޯ ބެލުން