ކުއަލަލަމްޕޫރު (10 އޮކްޓޯބަރު) - މެލޭޝިޔާގެ ބޮޑުވަޒީރުކަން ދުވަހަކު ވެސް ނުލިބިދާނެކަން އަމިއްލަފުޅަށް މިހާރު ގަބޫލު ކުރައްވާ ކަމަށާއި ބޮޑުވަޒީރުކަން ނުލިބުނަސް އެންމެ ރަނގަޅު ކަމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ އޭބީސީ ރޭޑިއޯގެ ހެނދުނުގެ ސެގްމެންޓް "އާރުއެން ބްރެކްފަސްޓް ވިތު ފްރޭން ކެލީ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އަންވަރު ވިދާޅުވެފައި ވަނީ، އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން އޭނާގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ކަމަށާއި އަދި އެކަމާ ޝުކުރު އަދާކުރާ ކަމަށެވެ. އަދި މެލޭޝިޔާގެ ބައެއް ބޮޑުންނާއި ލީޑަރުން ޝާމިލުވާ ޕެންޑޯރާ މައްސަލައިގެ ލިޔެކިޔުންތައް ލީކުވުމުން އެކަމާ ގުޅޭގޮތުން މަޖިލީހުގައި ސުވާލު އުފެއްދެވުމުން، ބޮޑުވަޒީރުކަމުގެ މަގާމު ލިބުމުގެ ފުރުސަތު ހަނިވެފައިވާ ކަން ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ޕެންޑޯރާ ލިޔެކިޔުންތަކާ ބެހޭ މައްސަލަ ނެގުމުން ބޮޑުވަޒީރު ކަމުގެ މަގާމު ހާސިލުކުރުން ވާނީ ބޮޑު ގޮންޖެހުމަކަށް. ހުރިހާ ބާރުތަކަކާއި ސިޔާސީ ވެރިން، އަދި ޝާހީ ފަރާތްތަކުން ވެސް ކުރިމަތިލުންތައް އަންނާނެ،" އަންވަރު ވިދާޅުވެފައިވެ އެވެ.

ނަމަވެސް އެއިން އެއްވެސް ކަމަކާ ހާސް ނުވާ ކަމަށާއި، އިދިކޮޅު ލީޑަރުގެ ގޮތުގައި އަބަދަށް ހުންނަން ޖެހިވަޑައިންފި ނަމަ އެކަމަށް ވެސް ތައްޔާރު ކަމަށެވެ. އަދި ބޮޑުވަޒީރުކަން ލިބިވަޑައިންފި ނަމަ އެކަމަށް ޝުކުރުވެރި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެލޭޝިޔާގެ ޕާލަމަންޓް މަޖިލީހުގައި ޕެންޑޯރާގެ މައްސަލައާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ފާއިތުވި ހަފްތާގައި އަންވަރު ކުއްލި މައްސަލައެއް ހުށަހަޅުއްވުމުން، ދީވާން ރާކްޔަތުގެ މެމްބަރު ވަނީ މަޖިލީހުގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ދެކޮޅު ހައްދަވާފަ އެވެ.

ނަމަވެސް ޕީކޭއާރުގެ ރައީސް އަންވަރު ވިދާޅުވެފައި ވަނީ، އެ މައްސަލައާ މެދު މަޝްވަރާ ކުރުމަށް ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބް އޭނާއާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. ޕެންޑޯރާ މައްސަލާގައި ކުރި އާއި މިހާރުގެ ފައިނޭންސް މިނިސްޓަރުން ކަމަށްވާ ނަޖީބް ރައްޒާގް އާއި ޒައިނުއްދީން އަދި ޒަފްރުލް އަބްދުލް އަޒީޒްގެ ނަން ހިމެނުމުން މި މައްސަލަ ވެފައި ވަނީ ވަރަށް ވެސް ސީރިއަސް މައްސަލަ އަކަށެވެ.

ބޮޑުވަޒީރު އިސްމާއީލާއެކު ބޭއްވުނު މަޝްވަރާތަކުގައި މި މައްސަލައާމެދު ދެން ކަންތައް ކުރާނީ ކިހިނެއްތޯ ބޮޑުވަޒީރާ ސުވާލު ކުރައްވާފައިވާ ކަމަށް އަންވަރު ބުނެފައިވެ އެވެ. އަދި މިއީ އިސް މަގާމުތަކުގައި ތިއްބެވި ސިޔާސީ ވެރިންގެ ނަންތައް ހިމެނޭ މައްސަލައެއް ކަމުން، މިމައްސަލަ ތަހުގީގު ކުރެވެންވާނެ ކަމަށް ދަންނަވާފައި ވާނެ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.

މިއީ މިފަދަ މައްސަލައެއް ހިލުނު ފުރަތަމަ ފަހަރު ނޫން ކަމަށާއި، 2012 ގައި ވެސް އެތައް ބިލިއަން ރިންގިޓް ހިމެނޭ މިފަދަ މައްސަލައަކާ ބެހޭ ކަންބޮޑުވުން ހުށަހަޅާފައި ވާނެ ކަމަށް އަންވަރު ވިދާޅުވެފައިވެ އެވެ.

"މިއީ މިފަދަ ފުރަތަމަ މައްސަލަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުބުނެވޭނެ. އަދި މިމައްސަލައިގެ ފުރިހަމަ ތަހުގީގެއް އެ މީހުން ހިންގަން ޖެހޭނެ،" އަންވަރު ވިދާޅުވި އެވެ.

ދާދިފަހުން އޮސްޓްރޭލިޔާއާއި އިނގިރޭސިވިލާތް އަދި އެމެރިކާ ގުޅިގެން އުފައްދާފައިވާ ސަލާމަތީ ޕާޓްނަޝިޕާއި ބެހޭގޮތުން ވެސް ޝޯގެ ހޯސްޓު ވަނީ އަންވަރުއާ ސުވާލު ކުރައްވާފަ އެވެ. އަދި އޮސްޓްރީލިޔާއިން ނިއުކްލިއާ ސަބްމެރިން އުފެއްދުމާ ބެހޭ ގޮތުން ދެކޭގޮތާއި ދެކުނު އިތުމަތީ އޭޝިއާއަށް އެކަމުން ކުރާނެ އަސަރާ ބެހޭގޮތުން ސުވާލު ކުރުމުން އަންވަރު ވިދާޅުވެފައި ވަނީ، މެލޭޝިޔާއިން ބޭނުންވަނީ ވަކި ކޮޅަކަށް ނުޖެހެން ކަމަށެވެ. އަދި އެމެރިކާއާއި ޗައިނާ ފަދަ ސުޕަ ޕަވާސްގެ ހަނގުރާމަމަތީ މައިދާނަކަށް ވާން ވެސް ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ނިއުކްލިއާ ސަބްމެރިން ބޭނުން ކޮށްގެން ހިމާޔަތް ހޯދަން ބޭނުންވާ ސަބަބު ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކަށް އޮސްޓްރޭލިޔާއިން ބުނެދޭން ޖެހޭ ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.