އައިނު ފިޔަފާރިން ނާޖައިޒް ފައިދާ ނަގަމުން އަންނާތީ އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދުގެ ސަރުކާރުން އައިޖީއެމްއެޗްގެ ހޮސްޕިޓަލުގައި ހަދާފައިވާ އައިނު ފިހާރަ ހިންގަން އިންޑިއާ ބަޔަކަށް ދީފައިވާކަން ހާމަ ވެއްޖެ އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހަދާ މި ފިހާރައިގެ މަސައްކަތުގެ ބޮޑުބައި މިހާރު ހުރީ ނިމިފަ އެވެ. ނަމަވެސް އަދި ފިނިޝިންގ ގެ ބައެއް ކުދި މަސައްކަތް ތައް ނުނިމޭތީ ފިހާރައިގެ މަސައްކަތް ހުރީ ނުފެށިއެވެ. ނަމަވެސް އެކޮށް ނިންމައި އެ އައިނު ފިހާރަ މި މަހުގެ ފަހުކޮޅު ހުޅުވާނެކަމަށް، އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ޙަލީމް ކުރިން ވަނީ ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު އައިޖީއެމްއެޗުގައި އައިނު ފިހާރައެއް ހެދުމަށް ނިންމީ މި ފިޔަފާރީން ބަޔަކު ނުއަގުގައި އައިނު ހަދާ، ނާޖާއިން މަންފާތަކެއް ހޯދުމުން އަންނަ ކަމަށް ވިދާޅުވެ އެވެ. އެހެންކަމުން މި ސަރުކާރުން އައިނުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމީ ވެސް އައިނު ވިއްކުމުގައި އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މި ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގަންނަވާފައިވާތީ ކަމަށް ވެސް ރައީސް ވިދާޅޫވެފައިވެ އެވެ.
ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމުގެ ގޮތުންކަމަށް ވެސް ރައީސް އޭރު ވަނީ ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް އިތުބާރުހުރި ފަރާތަކުން "ހުރިހާ" އަށް ނަން ނުޖެހުމަށް ޝަރުތުކުރަމުން ބުނީ އައިނު ވިޔަފާރިން ނަގަމުން އައި ނާޖާއިޒު ފައިދާ ނިމުމަކަށް ގެނައުމަށް ކަމަށް ބުނެ، ސަރުކާރުން އައިޖީއެމްއެޗް ހޮސްޕިޓަލުގަ ހުޅުވާ އައިނު ފިހާރަ ހިންގަން އިންޑިއާ ބަޔަކާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
އޭނާ ބުނީ އެ ފިހާރަ އިންޑީއާ ބަޔަކަށް ދިން ނަމަވެސް އެއީ ސީދާ ކޮން ބައެއްކަން، ނުވަތަ ކޮން ކުންފުންޏެއްގެ ބައެއްކަން ބުނެދޭން ނޭންގޭ ކަމަށެވެ. އެނގޭ ކަމަކީ މިހާރު އެކަން އެގޮތަށް މި ސަރުކާރުން ކޮށްފައިވާ ކަން ކަމަށް އޭނާ ބުންޏެވެ.
މި ސަރުކާރުން އައިނުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމާފައިވާކަން އޭރު އިއުލާނު ކުރެއްވި އިރު އަމިއްލަ ކުންފުނިތަކުން ކުރަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލުމަށް ވެސް ރައީސް މުއިއްޒު ގޮވާލައްވާފައި ވެއެވެ. އެގޮތުން، ކުއްލި ގޮތަކަށް ގާނޫނާއި ގަވާއިދުތައް ވުޖޫދުކޮށް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް ގެންނަން މަޖުބޫރުކޮށްފައިވާކަން ވިޔަފާރިވެރިންދަނީ ބުނަމުންނެވެ.
މީގެ އިތުރުން، ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ގެނެސްދޭނެކަމަށް ބުނެ، ޔޫރަޕުން ބޭސް ގެނައުމަށް އިއުލާންކުރުމަށްފަހު، ބޭސް ގެނައުމަށް އިންޑިއާގައި ބޭސް އުފައްދާ ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. ރާއްޖެ ބޭހަށް ޖެހުމުން އެކަމުގެ ޒިންމާ ވެސް ރައީސް މަތިކުރެއްވީ އަމިއްލަ ވިޔަފާރިތަކާ އެވެ.