ގިނަ ފަހަރަށް ކަސްރަތު ކުރަނީ މީހުން ފަލައޭ ކިޔާތީ އެކަމުން ސަލާމަތް ވާންވެގެންނެވެ. ހިކުން ހިތުގައި ލައިގެން ބަރުދަން ލުއިކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް ކަސްރަތު ކުރަންޖެހެނީ ހަމައެކަނި ހިކޭކަށް ނޫނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތުގެ މުހިއްމުކަން ވަރަށް ބޮޑެވެ.

ހަށިގަނޑުގެ ވައިޓަލްސް ރަނގަޅު ކޮށްދޭ

ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ވައިޓަލްސް ރަނގަޅުކޮށްދޭ ކަމެކެވެ. އެގޮތުން ލޭގެ ޕްރެޝަރާއި ލޭގައި ހުންނަ ހަކުރުގެ މިންވަރާއި ހިތުގެ ހިނގުމުގެ އިތުރުން ކޮލެސްޓްރޯލް ވެސް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ. އާއްމު ދިރިއުޅުމުގައި ކަސްރަތުކުރުން އާދަ ކުރުމަށް ޑޮކްޓަރުން ލަފާދެނީ އެހެންވެގެންނެވެ.

ސްޓްރެސް ކުޑަކޮށްދޭ

ދިރާސާތަކުން ދައްކާގޮތުގައި ގަވާއިދުން ކަސްރަތުކުރާ މީހުން ސްޓްރެސް އާއި އެހެނިހެން ނަފްސާނީ މައްސަލަތަކާ ކުރިމަތިވާ މިންވަރު ވަރަށް މަދެވެ. ކަސްރަތުކުރުމުން ހަށިގަނޑަށް އަރާމު ލިބި ނިދި ރަނގަޅުވެ، ނަފްސާނީ ދުޅަހެޔޮކަން ވެސް އިތުރަށް ރަނގަޅުވެ އެވެ.

ހަރަކާތްތެރިވެ އުޅުމަށް ފަސޭހަކޮށްދޭ

ހުޅުތަކާއި ބުރަކަށީގައި ރިއްސުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. އެކަމުގެ ސަބަބުން އާއްމު ދިރިއުޅުމުގެ ކަންކަމަށް ބުރޫ އަރާ ކަމެކެވެ. ނަމަވެސް ކަސްރަތު ކުރުމަކީ މިފަދަ ތަދުތަކުން ދުރުކޮށްދީ މީހާ ހަރަކާތްތެރިވެ އުޅުމަށް ފަސޭހަކޮށްދޭ ކަމެކެވެ.