މާބަނޑުއިރު ހޭދަކުރާ ނުވަ މަހަކީ ހަށިގަނޑުގެ ހޯމޯންސްތަކަށް ބޮޑެތި ބަދަލުތަކެއް އައިސް ކެއިން ބުއިމަށް އޭގެ އަސަރުކުރާ ދުވަސްވަރެކެވެ. ލުއި ކާނާ ފަދަ ކާނާތައް ގިނައިން ކެވެން ފަށަ އެވެ. ބަނޑުހައި ނުވިޔަސް އަވަސް އަވަހަށް ކާހިތްވެ އެވެ. ނަތީޖާއަކަށް ވަނީ މާބަނޑުއިރު އަދި ވިހެއުމަށް ފަހު ވެސް ވަރަށް ބޮޑުތަން ބަރުދަން އިތުރުވުމެވެ.

ވިހެއުމަށްފަހު ޖަހާފައި ހުންނަ ލޮކި މަސް ވިރުވައި ބަނޑު ހިންދާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ގިނަ ދުވަހުގެ މަސައްކަތެއް ވެސް މެ އެވެ. ހިތްވަރާއި އަޒުމް ބޭނުންވާ ކަމެކެވެ.

ވިހެއުމަށްފަހު ބަރުދަން ލުއިކުރަން ބޭނުންނަމަ އަބަދުވެސް ޕޮޒިޓިވްކޮށް ވިސްނުމަކީ މުހިއްމު ކަމެކެވެ. ނަތީޖާ ފެންނަން ގިނަ ދުވަސް ނެގި ނަމަވެސް ހިތްވަރު ދެރަ ނުކުރާށެވެ. އަދި އަމިއްލަ ހަށިގަނޑު ދެކެ ލޯބިވެ ސިއްހަތު ރަނގަޅު ހަށިގަނޑެއް ބޭނުންވާކަން އަމިއްލައަށް ވިސްނަންވާނެ އެވެ.

ދެވަނަ ކަމަކީ ހަރަކާތްތެރިވެ ކަސްރަތުކުރުމެވެ. ކޮންމެ ހަފްތާއަކު ހަ ދުވަހު ފަސް ކިލޯ މީޓަރަށް ދުވާށެވެ. އަދި ހަފްތާގެ އެއްދުވަހު 8 ކިލޯ މީޓަރަށް ދުވެލާށެވެ. އަދި ދުވާނެ ސްޕީޑް ދުވަސް ދުވަހުން އިތުރުކުރުމަކީ ރަނގަޅު ކަމެކެވެ. އޭގެ އިތުރުން ހަފްތާއަކު ހަތަރު ދުވަހު ކަސްރަތު ކުރަންވާނެ އެވެ. ގޭގައި ވެސް ކަސްރަތު ކުރެވިދާނެ އެވެ.

ދެން އޮތީ ކާ އެއްޗެއްސަށް ބަދަލު ގެނެސް ކާ މިންވަރު މަދުކުރުމެވެ. އެގޮތުން ހަކުރާއި ލުއިކާނާ އެއްކޮށް ހުއްޓާލުން މުހިއްމެވެ. އޭގެ ބަދަލުގައި ފައިދާ ހުރި ކާނާއަށް ކާނަ ފަށާށެވެ. މޭވާ ވެސް ކާށެވެ. އެހެން ނަމަވެސް ގިނަކުރަންވީ ތަރުކާރީ އާއި ޕްރޮޓީންގެ ބާވަތްތަކެވެ. މިއާއެކު ކޮންމެ ދުވަހަކު ތިން ލީޓަރު ފެން ބުއިމަކީ ހަށިގަނޑުގައި ވަރުޖައްސައިދޭ ކަމެކެވެ.

ވިހެއުމަށްފަހު ހަށިގަނޑުގައި ޖަހާފައި ހުރި މަސްތައް ދުއްވާލުމަކީ އުދަނގޫ ކަމެކެވެ. އެކަމަކު ނުވާނެ ކަމެއް ވެސް ނޫނެވެ. ބޭނުން ވާނީ އާއިލާ އަދި ފިރިމީހާގެ އެހީތެރިކަމާއި ހިތްވަރު ކަމަށް މަރީސްޓެއްލާ ބުނެފައިވެ އެވެ.