ސެލީނާ ގޯމޭޒްއާއި ޓޭލާ ސްވިފްޓްއަކީ ހޮލީވުޑްގައި ހަރަކާތްތެރިވާ ތަރިންގެ ތެރެއިން އެކުވެރިކަމުގެ ގާތް ގުޅުމެއް ހިއްސާކުރާ ދެ ތަރިންނެވެ. މީޑިއާ އެ ދެމީހުން ސިފަކުރަނީ "ބީއެފްއެފް"ގެ ގޮތުގަ އެވެ.

"ތެރަޕަސް" ޕޮޑްކާސްޓްގެ ބުދަ ދުވަހުގެ އެޕިސޯޑުގައި މިހާރު އުމުރުން 33 އަހަރުގެ ސެލީނާ ވަނީ އޭނާއާއި ޓޭލާގެ އެކުވެރިކަން ފެށުނު ގޮތް ކިޔައިދީފަ އެވެ.

އެގޮތުން އެމީހުން އެންމެ ފުރަތަމަ ބައްދަލުވީ ދެ މީހުން ވެސް ޖޯނަސް އާއިލާގެ މެމްބަރުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ކަމަށް ސެލީނާ ބުންޏެވެ.

"އަހަރެން ރައްޓެހިވެގެން އުޅުނީ ނިކްއާ. އޭނާ ރައްޓެހިވެގެން އުޅުނީ ޖޯއާ. އަހަރުމެން އޭރު ވަރަށް ޅަ. ކުރި ކަންކަމެއް ނޭނގޭ" ސެލީނާ ބުންޏެވެ.

ސެލީނާ އިތުރަށް ބުނީ އެ ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަވީ ދެމީހުން ވެސް ޖޯނަސް އާއިލާގެ މެމްބަރުންނާ ވަކިވި ހިސާބުން ކަމަށެވެ.

"ބްރޭކްއަޕް އަށްފަހު އޭނާ (ޓޭލާ)އާއި އަހަރެންގެ ހިތާމަތައް ހިއްސާ ކުރުމުގެ ތެރެއިން އެކުވެރިކަން އިތުރަށް ބަދަހިވި. އެއަށްފަހު ހުރިހާ ކަމެއްގައި އަހަރުމެން މިތިބީ އެކުގައި" ސެލީނާ ބުންޏެވެ.

އެގޮތުން ޖޯނަސް ދެބެއިންނާއެކު އޮތް ގުޅުމުން އެމީހުންނަށް ލިބުނު ހަމައެކަނި ރަނގަޅަކީ އެކަކު އަނެކަކާ ބައްދަލުވުން ކަމުގައި ސެލީނާ ސިފަކުރި އެވެ.

އޭގެ ފަހުން މިހާރު 16 އަހަރު ވެގެން ދިޔައިރު ވެސް އެ ދެމީހުންގެ އެކުވެރިކަމަށް ބަދަލެއް ނައިސް ބަދަހިކަން މަތީގައި އެބައޮތް ކަމަށް ސެލީނާ ފާހަގަ ކުރި އެވެ.