އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިސަރުކާރުން ކުރަމުން އަންނަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ފަސް މަސް ފަހު ރާއްޖެ ވަޑައިގަތްފައިވާއިރު އެމަނިކުފާނުގެ ސެކިއުރިޓީއަށާއި އެމަނިކުފާނު ހޮޓެލް ޖެންގައި ހުރުމަށް ވެސް ސަރުކާރުންގެ ބަޖެޓުން ހަރަދުކުރަމުން ދާތީ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

ޑރ. ޖަމީލް ވިދާޅުވީ އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް ކަމަށެވެ. މިއަދު ރައްޔިތުންނަށް ރައީސް ނަޝީދަކީ ބޮޑު ބުރައަކަށް ވެފައިވާއިރު އެންމެ ރަނގަޅު ގޮތަކީ ރިޓަޔާ ކުރައްވައި ސިޔާސީ މަސައްކަތުން އެކަހެރިވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެތައް ހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމަށް ކުރަންޖެހޭ ޚަރަދު މިކުރަނީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅާއި ހޮޓަލާއި ސެކިއުރިޓީއަށް. ރައްޔިތުންނަށް ބަލަދުއެރީތޯ؟ މަނިކުފާނަކީ މިއަދު ރައްޔިތުންނަށް ބޮޑު ބުރައަކަށްވެއްޖެ. ރިޓަޔަރ ކުރެއްވުމަށްފަހު ތިނޫން ގޮތެއް ހޯއްދަވާ،" ޑރ. ޖަމީލް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރައީސް ނަޝީދުގެ ގަނޑުވަރުކޮޅޭ ވިދާޅުވެ އެ އިޝާރާތްކުރައްވަނީ މަޖިލީހުގެ ރައިސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ދިރިއުޅުއްވުމަށް ވަގުތީގޮތުން މަރާމާތުކުރާ މ. މުރައިދޫގެ އަށެވެ. އަދި ހޮޓަލުގެ ގޮތުގައި އެ އިޝާރާތްކުރައްވަނީ ރައީސް ނަޝީދު މާލެ ވަޑައިގެން މިހާރު ހުންނަވާ ހޮޓަލް ޖެންއަށެވެ. ބައިނަލްއަގުވާމީ ހޮޓެލް ޗެއިން ޝަންގްރިއްލާ އިން ހިންގާ އެ ހޮޓަލަކީ މާލޭގައި ހުރި އެންމެ އަގު ބޮޑު ހޮޓަލެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައިސް ނަޝީދު ވިދާޅުވެފައި ވަނީ ޖެންގައި ހުންނަވަނީ އެމަނިކުފާނަށް ދައުލަތުން ހަމަޖައްސާ ގެކޮޅުގެ މަސައްކަތް ނިމެންދެން ކަމަށެވެ.

އެގޮތުން އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ޚާއްޞަކުރާ ގެކޮޅަށް ވީހާ ވެސް އަވަހަށް ބަދަލުވެވަޑައިގަތުމަށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު ޖެން ހޮޓަލުގައި ހުންނެވުމަށް ހަމަޖެއްސެވީ ސަރުކާރުން ކަމަށްވާއިރު އެކަމުގެ ހުރިހާ ކަމެއް ކުރިއަށްގެންދަނީ ސަރުކާރުންނެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ. އެގޮތުން މަޖިލީހުގެ ރައީސަށް ހަމަޖައްސާދީފައި ވަނީ، މ. މުރައިދޫގެ އެވެ. އަދި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސާ ދީފައި ވަނީ ރެހެންދި އެޕާޓްމެންޓް ކޮމްޕްލެކްސް އިން އެޕާޓްމެންޓެކެވެ.