ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އަމީތާބް ބަޗަން މިހާރު ފިލްމު ކުޅުން ހުއްޓާލާފައި އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ކުރީގެ މަޝްހޫރު އެކްޓަރު އަދި ޕުރޮޑިއުސަރު ސަލީމް ޚާން ބުނެފި އެވެ.

މަޝްހޫރު ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ ބައްޕަ ސަލީމްއަކީ އަމީތާބާއެކު 10 އަކަށްވުރެ ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ އެކްޓަރެކެވެ. ސަލީމް ދެކޭގޮތުގައި މިހާރު އަމީތާބު ފިލްމީ ދާއިރާއިން ދުރުވެ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދާން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

ލީޑިން ދެއިލީއަށް ދިން އިއްޓަވިއުއްގައި ސަލީމް ޚާން ބުނީ "އަމީތާބް މިހާޜު ރިޓަޔާ ވާން ވެއްޖެ. ދިރިއުޅުމުގައި ހުރިހާ ކަމެއް ހާސިލް ވަނީ ވެފައި. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ދިރިއުމުގެ ޒާތީ ކަންތައްކަށްވެސް ވަކި ހިސާބަކުން ވަގުތު ދޭން ޖެހޭނެ." ކަމަށެވެ.

އަމީތާބް ވަނީ ހިންދީ ސިނަމާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށްވެސް ސަލީމް ވަނީ ބުނެފަ އެވެ. އަމީތާބަކީ ޒުވާން ރުޅިގަދަ ބަޔަށް ވަރަށް މޮޅު އެކްޓަރެއް ކަމަށާއި އެހެން ނަމަވެސް މިހާރު އަމީތާބަށް ރަނގަޅަށް އެކްޓިން ދައްކާލެވޭނެ ރޯލެއް ނެތް ކަމަށްވެސް ސަލީމް ބުންޏެވެ.

މިމަހުގެ އެގާރަ ވަނަ ދުވަހު 79 އަހަރު ފުރުނު އަމީތާބް ވަނީ ހިންދީ ސިނަމާގައި 52 އަހަރު މަސައްކަތް ކޮށްފަ އެވެ. މިހާރުވެސް އަމީތާބު އަންނަނީ ބައެއް ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ. އަދި އަމީތާބަކީ ބައެއް ރިއަލިޓީ ޝޯތައް ވެސް ހުށަހަޅައިދޭ ފަންނާނެ ކެވެ.