މިދިޔަ މަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި އިންޑިއާގެ އެކްޓަރު ސިދާތު ޝުކްލާގެ މަސައްކަތް ނުނިމި އޮތް ވީޑިއޯ ލަވާގެ ނަށް ބަދަލުކޮށްގެން ނެރުމަށް ނިންމުމުން ސިދާތުގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މިލަވާގައި ސިދާތުއާއެކު ފެނިގެންދަނީ އޭނާގެ ލޯބީވެރިޔާ ޝެހެނާޒް ގިލް (ސަނާ) އެވެ. އެ ދެ މީހުންނަކީ އެކީގައި ވާދަކުރި "ބިގް ބޮސް 13" އިން ދިމާވެ ގުޅުން އުފެދުނު ދެ މީހުންނެވެ. "ބިގް ބޮސް 13" އަކީ ސިދާތު ކާމިޔާބު ވެސް ކުރި ޝޯއެކެވެ.

ސިދާތު އާއި ސަނާ ފެނިގެންދާ މި ލަވައަށް ކުރިން ކިޔާފައިވަނީ "ހެބިޓް" އެވެ. އެހެން ނަމަވެސް އެލަވަ އުފައްދާ ފަރާތުން ސިދާތުގެ ފަހު ލަވަ ނެރޭ ދުވަސް އިއުލާނުކުރުމަށް ކުރި ޓުވީޓެއްގައި ވަނީ އެލަވާގރ ނަން ބަދަލުކޮށްފަ އެވެ.

ސާރޭގާމާއިން ބުނީ ސިދާތު އާއި ސަނާގެ "އަަދޫރާ" މިމަހުގެ 21 ގައި ބެލުންތެރިނަށް ފެނިގެންދާނެ ކަމަށެވެ.

މި ލަވައިގެ ނަން ބަދަލުކުރުމާ ގުޅިގެން ސަނާ އާއި ސިދާތުގެ ސަޕޯޓަރުން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. އަދި ސިދްހާތް ކޮންޓްރެކްޓުގައި ސޮއިކުރި ގޮތަށް ލަވަ ގެންނަން ޖެހޭ ކަމަށް ދަނީ ބުނަމުންނެވެ.

"އަދޫރާ" ނެރުމަށް ނިންމާފައިވާއިރު މި ލަވައިގެ ޝޫޓިން ވެސް އޮތީ އެއްކޮށް ނުނިމި އެވެ. އެހެންވެ ލަވަ ނެރޭނީ ސިދާތުގެ އެންމެ ފަހުގެ ބައެއް ފުޓޭޖްތައް ވެސް ހިމަނައިގެންނެވެ.

ޝްރެޔާ ގޯޝަލް އާއި އާކޯ ކިޔާފައިވާ "އަދޫރާ" ލަވައިގެ ޕޯސްޓަރުގެ ޓެގް ލައިނަކީ "އޭކް އަދޫރާ ގާނާ، އޭކް އަދޫރީ ކަހާނީ" އެވެ. މި ލަވައިގެ ކުރިން ވެސް "ބިގް ބޮސް 13" އަށް ފަހު ސިދާތާއި ސަނާ އެކީގައި ލަވަތަކެއް ކުޅުނެވެ. އޭގެ ތެރެއިން ދެބެއިން ކަމަށްވާ ނޭހާ ކައްކަރާއި ޓޯނީ ކައްކަރް ކިޔާފައިވާ ލަވަ "ޝޯނާ ޝޯނާ" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.

ސިދާތުގެ ކުއްލި މަރާއެކު ސަނާއަށް ވަރަށް ބޮޑު ހިމޭންކަމެއް އައިސްފައިވާއިރު އޭނާގެ ބަތަލާއެއްގެ ރޯލު ކުޅެފައިވާ ޕަންޖާބީ ފިލްމު "ހޯންސްލާ ރަކް" ހުކުރު ދުވަހު ރިލީޒް ކޮށްފައިވެ އެވެ. އެ ފިލްމުގެ ކާސްޓްގައި ދިލްޖީތު ދޮސަންޖާއި ސޯނަމް ބަޖްވާ ވެސް ހިމެނެ އެވެ.