ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ފަހުގެ ތާރީހެއްގައި ވެރިޔަކު ހިންގި ގައުމަށް އެންމެ ގެއްލުން ބޮޑު އެއް އަމަލުކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބް ރައީސް ޑރ.ޖަމީލް މިހެން ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ރުހުން ހޯދަން މަސައްކަތް ކުރައްވީ ކުރީގެ ރައީސް ނަޝީދުގެ އުގަށް ވެއްޓިގެން ނޫން ކަމަށްވެސް ޑރ.ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ އިގްތިސަދީ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަމަކީ ބޭކާރު ހަރަދު ކުޑަކުރުން ކަމަށާއި، ދައުލަތުން ދެ ހައުސިން އެލަވަންސްދީ ހޮޓެލްޖެންގައި ބޭފުޅުން ބޭތިއްބުން ހުއްޓާލުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއްކަމަށެވެ.

"ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ފަހުގެ ތާރީހެއްގައި ވެރިޔަކު ހިންގި ގައުމަށް އެންމެ ގެއްލުން ބޮޑު އެއް ޢަމަލު. މިނިސްޓަރ އަމީރު ރުހުން ހޯދަންވީ ރައީސް ނަޝީދު އުނގަށް ވެއްޓިގެންނެއް ނޫން" ޑރ.ޖަމީލް ވިދާޅުވި އެވެ.

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ބޮޑު އިގްތިސާދީ ޖަރީމާއެއްގެ ގޮތުގައި އަމީރު ސިފަކުރެއްވުމުން ގިނަ ބަޔަކު އަންނަނީ އެކަމާއިގުޅިގެން އަމީރަށް ފާޑުވިދާޅުވަމުންނެވެ. އަދި އަނެއްކާވެސް އެއާޕޯޓު ޖީއެމްއާރަށް ދިނުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެނީތޯވެސް ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.