ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި އޮފިސަރުންގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދިޔުމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ނިންމާފައިވަނީ އެއޮފިސަރުންގެ ފަރާތުން އެމައްސަލާގެ ޝަރީއަތްތައް ލައިވް ކޮށްދިނުމަށް ކޯޓުގައި އެދުމުންނެވެ.

ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ އަބްދުﷲ ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، މި މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަކީ، ދިވެހި މުޖުތަމައުގެ އަމަން އަމާންކަން ގެއްލި، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ވެދާނެކަމެއް ކަމަށްފެންނާތީ އާއި، އަދި މި ޝަރީއަތުގެ އަޑުއެހުންތައް ޢާއްމުކޮށް ހުޅުވާލައިގެން ހިންގައިފިނަމަ، ހުށަހެޅިފައިވާ މި މައްސަލާގައި އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިގެން ހިނގައިދާނެ ކަމަށް މި މައްސަލަބަލާ ފަނޑިޔާއަށް ފެންނާތީވެ، މި މައްސަލާގެ އަޑުއެހުންތައް ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ފަސް އޮފިސަރުން ތަމްސީލްކުރާ ދިވެހި ޗެމްބާސްގެ ވަކީލު މަރިޔަމް ނިހާޔަތު ސިވިލް ކޯޓަށް ފޮނުއްވި ސިޓީގައި، އެ މައްސަލަ ލައިވްކުރަން އެދިވަޑައިގަތް އެއް ސަބަބަކީ އާއްމު މަސްލަހަތު ހިމެނުމެވެ. އަނެއް ސަބަބަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަދުލުވެރިކަމާއި ހަމަހަމަކަމާ އެކު ޝަރީއަތް ކުރެވޭ ކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ކަމަށް ނިހާޔަތު ވިދާޅުވެފައިވެ އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

މީގެ ތެރެއިން ދެ އޮފިސަރަކު މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ބާކީ ތިބި އޮފިސަރުންނަށް ވަނީ ވަކިކުރަން ނިންމިކަން އަންގައި 10 ދުވަހުގެ ނޯޓިސް ފޮނުވައިފަ އެވެ. މަގާމުން ވަކިކުރި ދެ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.