ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަކި ކުރުމަށް ނިންމާފައިވާ އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ދެ އޮފިސަރަކު ވަޒީފާއިން ވަކިކޮށް، ހަތަރު އޮފިސަރަކަށް ވަކިކުރުމުގެ ނޯޓިސް ފޮނުއްވައިފި އެވެ.

ފުލުހުންގެ އާ ގާނޫނުން އެކުލަވާލި ޕޮލިސް ބޯޑުން ވަނީ ހަތް އޮފިސަރަކު ވަޒީފާއިން ވަކި ކުރުމަށް ސީޕީ މުހައްމަދު ހަމީދަށް ވަނީ ލަފާދީފަ އެވެ.

މިހާތަނަށް ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ހަވާލުކޮށްފައިވަނީ ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އެވެ.

ހޯމް މިނިސްޓަރު އިމްރާން ސޮއިކުރައްވައި ފޮނުއްވި ޗިޓުގައި ވިދާޅުވީ މަގާމުން ވަކިކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.

މި ދެ އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައިވަނީ އޮފިސަރުންގެ ފަރާތުން މިކަމާއި ގުޅިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.

އަދި މިއަދު ވަނީ އިތުރު ހަތަރު އޮފިސަރަކަށް ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގެ އިޖުއާތު ދިހަ ދުވަހުގެ ނޯޓިސް ފޮނުއްވާފަ އެވެ. އެގޮތުން ދިހަ ދުވަހުގެ ނޯޓިސް ފޮނުއްވާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް ޝަރީފް އާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

ސިވިލް ކޯޓަށް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އެ އޮފިސަރުން ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާ ކަމަށް ތުހުމަތުކޮށެވެ. ދިފާއުގައި ބަސްބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ ކަންކޮށްފައިވާ ގޮތުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އޮފިސަރުން ވިދާޅުވެ އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޑިސްޕިއުޓް މަރުހަލާއިން ހައްލެއް ނުލިބުނެވެ.

އެ މައްސަލައިގައި އެދިފައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާ އިން ވަކިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށާއި ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ ހިދުމަތާއި ޕޮލިސް ބޯޑު އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކަށް އަމުރުކޮށްދިނުމަށެވެ.

ފުލުހުންގެ އިސް ސަފުގައި ތިބި އޮފިސަރުންތަކެއް ވަކިކުރަން ނިންމީ، އާ ގާނޫނާ އެކު އެކުލަވާލި ހަތް މެމްބަރުންގެ ބޯޑުން ހަތަރު މަސް ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމަށް ކަނޑައަޅާފައިވާތީ އެވެ.