ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަކި ކުރުމަށް ނިންމާފައިވާ އޮފިސަރުންގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.

މި މައްސަލަ ޝަރީއަތަށް ފޮނުވީ ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކޮމިޝަންޑް އޮފިސަރުން އެކަމާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތުން ބޭރުން މައްސަލަ ނިންމަން ދައުލަތުން ދެކޮޅު ހެދުމުންނެވެ.

މި މައްސަލައިގައި މިއަދު އޮތް ޑިސްޕިއުޓް މަރުހަލާގައި ފަނޑިޔާރު ތަކުރާރުކޮށް މައްސަލަ ހައްލު ކުރުމަށް ފުރުސަތު ދައުލަތަށް ދެއްވިކަމަށް އޮފިސަރުންގެ މައްސަލާގައި ވަކާލާތުކުރާ ދިވެހި ޗެމްބާސްގެ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވި އެވެ. ނަމަވެސް ދައުލަތުން އެދެމުން ދިޔައީ އިތުރު ވަގުތަށް ކަމަށާއި އޮފިސަރުންގެ މަސްލަހަތަށް ގާޒީ ނިންމެވީ ވަގުތު ދެވެން ނެތް ކަމަށް ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީއާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދުއާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، ފަރުހާދާއި ޝުހާދު ބައިވެރިއެއް ނުވެ އެވެ.

މި މައްސަލައިގައި އެ އޮފިސަރުންގެ ފަރާތުން ދިވެހި ޗެމްބާސް އިން ނެރެފައިވާ ބަޔާނުގައި ވަނީ އެބޭފުޅުންނަކީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އޮފިސަރުންތަކެއް ކަމަށާއި ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާކަމަށެވެ. އެގޮތުން ދިފާއުގައި ބަސް ބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ އަމަލު ކޮށްފައިވާ ގޮތުން ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އޮފިސަރުންނާ މެދު އަމަލުކުރި ގޮތުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ހުރުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޕޮލިސް އޮފިސަރުން މަގާމުން ވަކިކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ޕޮލިސް ބޯޑުން ހަތް އޮފިސަރަކު މަގާމުން ވަކިކުރަން ލަފާދިނުމާ ގުޅިގެން އެ މައްސަލަ އިދިކޮޅުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފަ އެވެ.