ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ވަކި ކުރުމަށް ނިންމާފައިވާ އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުން ސިވިލް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފި އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތައާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.

އެ ބޭފުޅުން ތަމްސީލުކުރައްވާ ގާނޫނީ ވަކީލުންގެ ފަރާތުން، ދިވެހި ޗެމްބާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަކިކުރަން ބޯޑުން ލަފާދިން ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިރުންނަކީ އެ ލޯފާމުގެ މުވައްކިލުން ކަމަށެވެ.

އެބޭފުޅުންނަކީ ފުލުހުންގެ މުއައްސަސާގައި ހިދުމަތްކުރުމުގައި ދިގު މާޒީއެއް އޮތް އޮފިސަރުންތަކެއް ކަމަށާއި ވަކިކުރަން ނިންމުމުގައި ބޭއިންސާފު ކަންކަން ހިނގާފައިވާކަމަށް ބުނެފަ އެވެ. އެގޮތުން ދިފާއުގައި ބަސް ބުނުމަށާއި ޖަވާބުދާރީވާން ފުރުސަތު ނުދީ އަމަލު ކޮށްފައިވާ ގޮތުން ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އޮފިސަރުންނާ މެދު އަމަލުކުރި ގޮތުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ހުރުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން އޮފިސަރުން ވަކިކުރުމުގެ މަސައްކަތް ހުއްޓުވުމުގެ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށް ދިވެހި ޗެމްބާސްގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސް އެޅޭނެ ކަމެއް ނުކުރުމަށް އަމުރު ކޮށްދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕޮލިސް ބޯޑުން މިހާތަނަށް ވަނީ ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ހުށައަޅުއްވާފަ އެވެ. އޭގެ ތެރެއިން އެގޮތުން ނޯޓިސް ފޮނުއްވާފައިވާ ދެ އޮފިސަރުންނަކީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޕޮލިސް އޮފިސަރުން މަގާމުން ވަކިކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ޕޮލިސް ބޯޑުން ހަތް އޮފިސަރަކު މަގާމުން ވަކިކުރަން ލަފާދިނުމާ ގުޅިގެން އެ މައްސަލަ އިދިކޮޅުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފަ އެވެ.