ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރުންގެ މަގާމުގައި ތިއްބެވި އަހުމަދު މުހައްމަދު (ޓޫފޯ) އާއި މުހައްމަދު ޖަމްޝީދު (ޖަމްބެ) އާ ސަރުކާރު 2018 ވަނަ އަހަރު ހަވާލުވެ މަގާމުން ވަކިވާން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖުބޫރުކުރެއްވިކަމުގެ ތުހުމަތުކޮށްފި އެވެ.

އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން މިމަހުގެ ދިހަވަނަ ދުވަހު ވަކިކުރި ޖަމްޝީދު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އެ އެސިސްޓެންޓް ކޮމިޝަނަރުންނާ ބައްދަލުކުރެއްވީ ނޮވެމްބަރު 29، 2018 ވަނަ ދުވަހު ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތުން އެކަހެރި ކުރަން ނިންމުމުން ހޯމް މިނިސްޓަރާ ބައްދަލުކުރަން އެދުނީ. އެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން އެންގެވީ މަގާމުން ރިޓަޔާވާން ނުވަތަ މައްސަލަ ބަލާފައި ވަކިކުރާނެކަން،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ތިބީ ސިޔާސީ މަގާމެއްގަ އެއް ނޫން. އެހެންވީމަ ރިޓަޔާކުރާކަށް ނުޖެހޭނެ. އެއީ އަޅުގަނޑުމެންގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް."

ޖަމްޝީދު ވިދާޅުވީ މަގާމުން ރިޓަޔާވާން މިނިސްޓަރު ދެއްވީ ތިން ދުވަހުގެ މުހުލަތެއް ކަމަށެވެ. އަދި އެގޮތަށް އެންގި ނަމަވެސް ރިޓާނުވުމުން އެ ދެ އޮފިސަރުން ބޭތިއްބީ މަސްއޫލިއްޔަތު އެކަހެރިކޮށްފަ އެވެ.

"ގާނޫނު އިސްލާހުކޮށް ޕޮލިސް ބޯޑު އުފުދުމުގެ ކުރިން ވެސް އެ މީހުންގެ ޕްލޭނެއް އަޅުގަނޑުމެން ނުބޭއްތިއްބުން. އަދި އަޅުގަނޑުމެން ވަކިކުރުމުގެ ކުރިން ވެސް އެކިއެކި މުއައްސަސާތަކުންނާއި ވަކިވަކި ފަރުދުން ހާޒިރުކޮށްގެން އަޅުގަނޑުމެންގެ މައްސަލައެއް ފެނޭތޯ ސުވާލުކޮށް ހެދި،" އޭނާ ވިދާޅުވި އެވެ. "ނަމަވެސް އެއިން އެއްވެސް މީހެއްގެ ފަރާތުން އެފަދަ ހެއްކެއް ނުލިބުނު."

ޖަމްޝީދު ވިދާޅުވީ އެންމެ ފުރަތަމަ ސަސްޕެންޑްކުރީ ވެސް ފުލުހުންގެ އެތެރޭގައި އޮންނަ ޕްރޮފެޝަނަލް ސްޓޭންޑަޑްގެ އުސޫލްތަކުގެ ބޭރުން އަދަބެއް ދިނުމުގެ ގޮތުން ކަމަށެވެ.

"މިއީ ސީދާ ވަކިވަކި އޮފިސަރުންތަކަކަށް ޓާގެޓްކޮށްގެން ގެއްލުން ދިނުމުގެ ގޮތުން ހިންގާފައިވާ އަމަލެއް. އުސޫލުން ބޭރުން އެއްވެސް ޒިންމާއެއް ނުދީ އިށީންނާނެ ގޮނޑިއެއް ނުދީ ވަޒީފާއިން ވަކިކުރަން ދެން ބޭތިއްބީ،" 27 އަހަރާއި ހަމަސް ދުވަހު ފުލުހުންގެ ވަޒީފާ އަދާކުރި ޖަމްޝީދު ވިދާޅުވި އެވެ.

ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ވެސް ވިދާޅުވީ މަގާމުން ވަކިކުރުމާ ހަމަޔަށް ވެސް މަސްއޫލިއްޔަތުތަކުން އެކަހެރި ކުރަން ޖެހުނު އެއްވެސް މައްސަލައެއް ދެއްކިފައިނުވާ ކަމަށެވެ.

"މަސްއޫލިއްޔަތުން ދުރުކުރަން ޖެހުނު ކަމަށް އެންގި މައްސަލަ ވަކިކުރުމާ ހަމައަށް ބަލާފައެއް ނުވޭ. އެއީ (1 ފެބްރުއަރީ 2018 ސަރުކާރު ވައްޓާލަން ނެރުނު އަމުރާ ގުޅިގެން ހިންގި ތަހުގީގު) ޕޮލިސްގެ މިހާރުގެ ލީޑާޝިޕް ދެކެނީ އެއީ 'ޣައިރު ޤާނޫނީ' ތަހްގީގެއް ކަމަށް،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވަނީ ޕޮލިސް ބޯޑު އުފެދެން ދެން ތުހުމަތުތަކެއް ކުރުވާފައި، ފިޔަވަޅު ނާޅާ ގެންގުޅުނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ.

"އެކަމުން ވެސް އެގުނީ ތަނުން ބޭރުކުރަން ވަކި ޕްލޭންތަކެއް ވެރިން ގެންގުޅުނުކަން. މިއީ ދުރާލާ ރޭވިގެން ކުރި ކަމެއް،" 27 އަހަރާއި ހަމަސް ދުވަހު މަގާމުން ވަކިކުރި އަހުމަދު ވިދާޅުވި އެވެ.

އަހުމަދާއި ޖަމްޝީދު މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިއިރު ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަމްދޫން ރަޝީދު ވެސް މިއަދު ވިދާޅުވީ އަހުމަދު އާއި ޖަމްޝީދު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރީ ހޯމް މިނިސްޓަރު އިމްރާން އެންގެވުމުން ކަމަށެވެ.

"އިމްރާން އޮފީހަށް ނުކުންނެވި ދުވަސް ނޫން ޖެހިގެން އައި ދުވަހު އަޅުގަނޑަށް އެންގެވީ އެ ދެ މީހުންގެ މައްސަލަތަކެއް އެބަހުއްޓޭ މަސްއޫލިއްޔަތުން ދުކޮށްދޭށޭ. އެ ހިސާބުން އެކަން ގޮތަށް އަޅުގަނޑު ކުރީ،" އޭނާ ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވީ އެ ފިޔަވަޅު އެޅުމުން އަހުމަދު އާއި ޖަމްޝީދު ހޯމް މިނިސްޓަރާ ބައްދަލުކުރަން އެދުމުން އެކަން ވެސް ހަމަޖައްސައިދެއްވި ކަމަށެވެ. އަދި އެ މީހުންނަށް ރިޓަޔާކުރަން އަދި މަގާމުން ވަކިކުރާނެކަން އެންގެވި ކަމަށް އެނގިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މައްސަލަތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިޔަސް އަޅުގަނޑަކަށް އެކަން ފާހަގަކުރެވިފައެއް ނުވޭ. އަޅުގަނޑަށް އެންގެވި ގޮތަށް ފިޔަވަޅުތައް އެޅީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވި ފަހުން ވެސް ތިން ހަފުތާއެއްހާ ދުވަސް ވަންދެން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަމްދޫން ވިދާޅުވި އެވެ.

ފުލުހުންގެ މަގާމުން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރެއިން މި ދެ އޮފިސަރުން މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ބާކީ ތިބި އޮފިސަރުންނަށް ވަނީ ވަކިކުރަން ނިންމިކަން އަންގައި 10 ދުވަހުގެ ނޯޓިސް ފޮނުވައިފަ އެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ފުލުހަކު ރިޓަޔާކުރަން ޖެހެނީ އުމުރުން 55 އަހަރުވުމުންނެވެ. އަދި އޭގެ ކުރިން މަގާމުން ވަކިވާން އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރެވޭނެ އެވެ. އަދި އެގޮތަށް އެންގި ނަމަވެސް އެއީ ގާނޫނާ ހިލާފު އުސޫލުން ބޭރުން ކުރެވޭ ކަމެކެވެ. އަދި އެ ގާނޫނުގައިވާ ގޮތުން މިނިސްޓަރު އެންގެވި އެންގުން ފެތެނީ އެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށަކަށެވެ.