އަބަދު ވަރުބަލިވެ ނިދިއައިސް ނުވަތަ ލޮޑުވެފަ ހުންނަ ނަމަ އެއީ ކޮންމެވެސް ބައްޔެއްގެ އަލާމާތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ އަލާމާތެއް ހުރިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ، ބައްޔެއް ހުރިނަމަ އެ ބަލިން ސަލާމަތްވުމަށް އެޅިދާނެ ރަނގަޅު ފިޔަވަޅެކެވެ. މި ލިޔުމުގައި މި ބަލާލަނީ ވަރުބަލިކަން އިހުސާސް ކުރުވައިދޭ ބައެއް ބަލިތަކަށެވެ.

އެނީމިއާ

އެނީމިއާ ޖެހުމަށް މެދުވެރި ވަނީ ބޭނުންވާ ވަރަށް ރެޑް ބްލަޑް ސެލްސް ނެތުމުން ނުވަތަ ހިމަގްލޮބިން ދަށް ވުމުންނެވެ. މިހެން ވުމުން ވަރުބަލިވެ މަސައްކަތުގެ މާހައުލުގައި މަސައްކަތަށް ދެވޭ ޝައުގުވެރިކަން ކުޑަވެގެންދެ އެވެ. އަދި ނިދަން އުދަނގޫވެ ހަށިގަނޑު ލޮޑުވާގޮތްވެ އެވެ. މިހެން ވާނަަމަ ލަސްނުކޮށް ލޭގެ ޓެސްޓެއް ހެދުން ބުއްދިވެރި އެވެ.

ޑައިބެޓީސް

ޑައިބެޓީސްގެ ސަބަބުން އަބަދު ކާހިތްވުމާއި ވަރުބަލިވުމުގެ އިތުރުން ހަށިގަނޑުން ހަކަތަ ހުސްވާގޮތް ދިމާވެ އެެވެ. މިހެން ދިމާވަނީ ހަށިގަނޑަށް ބޭނުން ވާވަރަސް ގުލްކޯސް ނުއުފެއްދޭތީ އެވެ.

ޑިޕްރެޝަން

ޑިޕްރެޝަންގެ ޝިކާރައަކަށް ތިމާ ވެއްޖެނަމަ ހުރިހާ ކަމަކުން ފޫހިކޮށްލަ އެވެ. ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ހާއްސަކޮށް ކާހިތްނުވުމާއި ނިދަން އުދަނގޫވުން ހިމެނެ އެވެ. އަދި ހަނދާން ނެތުމާއި ކަންކަމަށް ދެވޭ ޝައުގުވެރިންކަން ކުޑަވެ "ނެގެޓިވް"ކޮށް ކަންކަމާ ދޭތެރޭ ދެކެވޭގޮތްވެ އެވެ.

ސްލީޕް އެޕްނިއާ

މިއީ ނިދީގައި ނޭވާލުމަށް ދަތިވުމުން ދިމާވާގޮތެކެވެ. މިހެން ވާނަމަ ހަމައަށް ނިދި ލިބުނުކަމުގައި ވިއަސް ހޭލާ އިރު ވަރުވަލިވެފައި ހުރެ އެވެ. މިހެން ދިމާވާނަމަ ހިތުގެ ބަލިތަކާއި، ލޭމައްޗަށް ދިއުމުގެ އިތުރުން ސްޓްރޯކް ޖެހުމަށް މަގުފަހިވެ އެވެ.