ހުޅުމާލޭގައި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް އަޅާނެ ބަޔަކު ހޯދުމަށް މި އަހަރުގެ ޖުލައި މަހު ކުރި ޓެންޑަރ ފަރުމާކުރެވިފައި ވަނީ އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ރާއްޖެއަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެ

ހުޅުމާލޭގައި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް އަޅާނެ ބަޔަކު ހޯދުމަށް މި އަހަރުގެ ޖުލައި މަހު ކުރި ޓެންޑަރ ފަރުމާކުރެވިފައި ވަނީ އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ރާއްޖެއަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅިގެން ހައިތަމް ވަނީ އެ މަޝްރޫއުއާ ގުޅުން ހުރި ފަރާތްތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފަ އެވެ.

ހައިތަމްގެ ސިޓީގައިވަނީ ހުޅުމާލޭގައި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް އެޅުމުގެ ޓެންޑަ ފަރުމާކުރެވިފައި ވަނީ ޓްރީޓް ނުކުރާ ނަޖިސް ކަނޑަށް ދޫކޮށްލެވޭ އަދި ޓްރީޓް ކުރެވިފައިވާ ފެން ފަށަލަ (އެކުއަޔަ)ގެ ތެރެއަށް ދޫކޮށްލެވޭ ފަދަ ގޮތަކަށް ކަމަށް އެފަދަ ފަރާތްތަކުން ބުނާކަމަށެވެ.

އެ މަޝްރޫއުގެ ޓެންޑާގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތުގެ އިތުރުން ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ ހާލަތަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ހައިތަމް ވިދާޅުވި އެވެ. އަދި އެކަން ކުރުމުގައި އިންސާނުންނާއި އެހެނިހެން ދިރޭތަކެތީގެ ސިއްޙަތަށް ރިޢާޔަތް ކޮށްފައި ނުވާ ކަމަށް ހައިތަމް ވިދާޅުވި އެވެ.

މިޕްލާންޓް ހިންގުމަށް ބޭނުނުންވާ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ 50,000 އަކަ މީޓަރުގެ ޖާގަ ގްރޭޓާ މާލެ ސަރަހައްދުން ލިބެން ނެތްކަމަށާއި އަދި އެކަމަކީ އިގްތިސާދީ ގޮތުން ޚަރަދާއި ނުބައްދަލު ނިންމުމެއް ކަމުގައިވެސް ދެކޭ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސުވޭޖަކީ އެކި ޒާތުގެ ވިހަ މާއްދާއާއި ފާމަސޫޓިކަލް ރެޒިޑިއު އަދި މައިކްރޯޕްލާސްޓިކް ހިމެނޭ އެއްޗެއް ކަމުގައި ވާއިރު، ޓްރީޓް ނުކުރާ ފެން ދޫކުރުމަކީ ކަނޑު ތަޣައްޔަރުވެ ގުދުރަތީ ވެއްޓަށާއި ކަނޑުގެ ދިރުންތަކާއި އިންސާނުންނަށް ވެސް ނޭދެވޭ އަސަރު ކުރުނެ ކަމެއްކަން ހައިތަމްގެ ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ. އެކަމުގެ ސަބަބުން ކަނޑުގައި ދިރިއުޅޭ މަސްމަހާމެހިން މައިކްރޯޕްލާސްޓިކާއި ކެމިކަލްގެ ބާވަތްތައް ފެންނަމުންދާ ކަން ދިރާސާތަކުން ހާމަވާ ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށް ހައިތަމް ވިދާޅުވި އެވެ.

ރާއްޖޭގައި އަމަލުކުރާ ސުވޭޖް ޑިސްޕޯސަލް ރެގިއުލޭޝަންގައި ބުނާ ގޮތުގައި ނަރުދަމާގެ ތެރެއިން ޓްރީޓްކޮށްފައި ކަނޑަށް ދޫކުރާ ފެނުގެ އެފްލުއެންޓް ކޮލިޓީ ރިކުއަމެންޓަކަށް ހުންނަން ޖެހޭނީ ލީޓަރެއްގައި އެންމެ ގިނަވެގެން ވެސް 20 މިލިގްރާމުގެ ބައޯކެމިކަލް އޮކްސިޖަން ޑިމާންޑް (ބީއޯޑީ5) ކޮންސެންޓްރޭޝަނެކެވެ. އެހެން ނަމަވެސް މި މަޝްރޫއުގެ ޓެންޑަރގެ ދަށުން ބައެއް ހާލަތްތަކުގައި އެއްވެސް ގޮތަކަށް ޓްރީޓް ނުކޮށް 10,000 ކިއުބިކް މީޓަރުގެ ނަޖިސް ފެން ކަނޑަށް ދޫކުރުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި މިއީ ސުވޭޖް ޑިސްޕޯސަލް ރެގިއުލޭޝަނާ ކަނޑައެޅިގެން ޚިލާފު، އަދި ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ހައިތަމް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މަޝްރޫއުގެ ދަށުން ރަޖިސް ޓްރީޓްކުރެވިފައި ހުންނަން ޖެހޭނީ ފަސް މިލިގްރާމުގެ ބައޯކެމިކަލް އޮކްސިޖަން ޑިމާންޑް (ބީއޯޑީ5) ކޮންސެންޓްރޭޝަން ކަމަށް ވާއިރު، މި ފެންވަރަށް ނަޖިސް ޓްރީޓްކުރެވޭ ގާބިލިއްޔަތުގެ ކުންފުނިތައް ދުނިޔޭގައި ވަރަށް މަދުކަން ހައިތަމް ވަނީ ފާހަގަކުރައްވާފަ އެވެ. މި މަޝްރޫއުގެ ޓެންޑަގައި ބުނެފައިވާ ފެންވަރުގެ ޓްރީޓްމަންޓް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށްޓަކައި ދުވާލަކު 15 މެގަވޮޓުގެ ކަރަންޓު ބޭނުންވާނެ ކަމަށައި މިއީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސިޓީއަށް ދުވާލަކު ބޭނުންވާ ކަރަންޓުގެ މިންވަރުގެ ތިންބައި ކުޅަ އެއްބައި މިންވަރު ކަމަށް ހައިތަމްގެ ސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މި މަޝްރޫއު ހިންގުމަށްޓަކައި ވޯލްޑް ބޭންކުން މާލީ އެހީ ކަނޑައަޅާފައި އޮންނަތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފާއިތުވެފައިވާ އިރު ވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އޮތުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ދަށްވެފައިވާ ދަނޑިވަޅެއްގައި، އެހީދޭ ބައިނަލްއަގްވާމީ ފަރާތްތަކުގެ ކުރިމަތީގައި ރާއްޖޭގެ ތަސައްވަރު ގޯސްވެދާނެ ކަމެއް ކަމަށް ފާހަގަކުރައްވާފަ އެވެ.

ރާއްޖޭގައި ސުވޭޖް ޓްރީޓްމަންޓުގެ ނިޒާމުތަކުގެ ގޮތުގައި ބޭނުންވަނީ ރާއްޖެއަށް އެންމެ އެކަށޭނަ، އީޖާދީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ކަމަށާއި، މިކަމަށް ބޭނުންވާ ސީދާ ރާއްޖޭގެ ހާލަތަށް ފެތޭނެ ފަދަ ހައްލުތަކެއް ކަމަށް ހައިތަމް ފާހަގަކުރައްވާފައިވެ އެވެ.

ކަރަންޓު އުފެއްދުމަށް ޓަކައި އަންނަންޖެހޭ ތެލާއި، ޕްލާންޓު ހިންގުމަށާއި މެއިންޓެނަންސްނެޓް-ޒީރޯ ކާބަން އެމިޝަންގެ ލަނޑުދަނޑި ހާސިލުކުރުމުގެ ޢަޒުމު ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައި ވަނިކޮށް އިތުރަށް ކަރަންޓަށް ބަރޯސާވާންޖެހޭ ފަދަ މަޝްރޫޢުތައް ފަރުމާކުރީ އެ މަޝްރޫއަށް ކުރި ދިރާސާ ރަނގަޅުނުވުމުން ކަމަށް ހައިތަމް ވިދާޅުވި އެވެ.