ވޮޝިންޓަން (23 އޮކްޓޯބަރު) - ސީރިއާގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ އިސް ވެރިޔަކު މަރާލެވިފައިވާ ކަމަށް އެ ގައުމުގެ ދިފާއީ މަރުކަޒު ޕެންޓަގަންއިން ބުނެފި އެވެ.

މި ޑްރޯން ހަމަލާ ދީފައިވަނީ ސީރިއާގައި އެމެރިކާ ސިފައިން ބޭނުން ކުރަމުން އައި އަސްކަރީ ބޭސްއަކަށް ހަމަލާ ދިންތާ ދެ ދުވަސް ފަހުންނެވެ.

"ހުޅަނގު އުތުރު ސީރިއާގައި ދެވުނު ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ އިސްވެރިއެއް ކަމަށްވާ އަބްދުލް ހާމިދު އަލް މަތަރު ވަނީ ގަތުލު ކުރެވިފައި،" ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު މޭޖާ ޖޯން ރިގްސްބީ ވިދާޅުވި އެވެ.

އަބްދުލް ހާމިދު ގަތުލުކުރުމަކީ އަލް ގައިދާގެ ހަރަކާތްތަކަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ތަނުގައި އެޖަމާއަތުން ހިންގާ އަސްކަރީ ޖަރީމާތައް މަދުވާނެ ކަމަށް ޖޯން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެމެރިކާއިން ވަނީ އަލްގައިދާގެ އިސް ވެރިއެއް ކަމަށްވާ ސާލިމް އަބޫ އަހުމަދު ވެސް ގަތުލު ކޮށްފަ އެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި އޭނާއަކީ އަލްގައިދާއިން މެދުއިރުމަތީގައި ދޭ ހަމަލާތައް ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި ފަރާތެކެވެ.

ސީރިއާ ހަނގުރާމައިގައި ބޭރުގެ އަސްކަރިއްޔާތަކުގެ އިތުރުން ހައްދު ފަހަނައަޅާފައިވާ ފިކުރުގެ ޖަމާއަތްތަކުން ބައިވެރިވާއިރު 2011 ވަނަ އަހަރު އެ ހަނގުރާމަ ފެށުނީއްސުރެ ބައި މިލިއަނެއްހާ މީހުން ވަނީ ޝަހީދުވެފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް