ސީޝެލްސްގެ ނައިބު ރައީސް ކަމަށް އައްޑޫ އަބްދުﷲ އަފީފު ދީދީގެ ދަރިކަލެއް ކަމަށްވާ އަހުމަދު އަފީފް މިއަދު ހޮވިވަޑައިގެންފި އެވެ.

ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް އުފެއްދި ސަރުކާރުގެ ވެރިޔަކަށް ހުންނެވި އަފީފް ދީދީގެ ދަރިކަލުންގެ ރޯލަކަށް ވާނީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ސީޝެލްސްގެ ރައީސް ވަވެލް ރަމްކަލަވާން އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިވެދިނުމެވެ.

އަހުމަދު އަފީފްގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ރައީސްގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ލަފާ ދިނުމާއި ޕްލޭންތައް ތައްޔާރުކޮށްދިނުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާރު އަޑިއަޅާލާފައިވާ އެ ގައުމުގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ފެއްޓެވުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އަހުމަދު އަފީފް ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ކަމުގަ އެވެ. އެ މަގާމަށް އޭނާ ހޮވިވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ.

އޭނާ ވަނީ އެ ގައުމުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމު 2007 ވަނަ އަހަރު އަދާކޮށްފަ އެވެ. 2008 ވަނަ އަހަރުގެ ސީޝެލްސްގެ މެކްރޯ އިކޮނޮމިކް ރިފޯމް ގެނައުމުގައި ވެސް އިސްރޯލެއް އޭނާ އަދާކުރައްވާފައިވެ އެވެ.

ސީޝެލްސްގެ ރިޔާސީ އިންތިހާބު އަދި ޕާލަމެންޓް އިންތިހާބު ބޭއްވީ އިއްޔެ އެވެ. ރިޔާސީ އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަކުރި އެވެ. އޭނާއަކީ މި އިންތިހާބުގައި ވާދަކުރި އިދިކޮޅު އެލްޑީއެސްގެ ރިޔާސީކެންޑިޑޭޓްގެ ރަނިންމޭޓް އެވެ. އަހުމަދު އަފީފްގެ ޕާޓީން އެ އިންތިހާބު ކާމިޔާބުކުރީ 55 ޕަސެންޓް މެޖޯރިޓީއެއް ހޯދައިގެން ކަމަށް އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ސީޝެލްސްގެ ނޫސްތަކުގައި ބުނެފައި ވަނީ ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑިތައް ވެސް ކާމިޔާބުކުރީ އަހުމަދު އަފީފްގެ ޕާޓީން ކަމަށެވެ.