ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުން އޮތީ މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައި ކަމަށެވެ.

މިމަޝްވަރާ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ކަންކަމާ ބެހެގޮތުންނާނި އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

މިއީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަށް ފަހު ރައީސް ނަޝީދު ރައީސް ސޯލިހާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދު، ރައީސް ސޯލިހާއެކު މަޝްވަރާ ކުރައްވާފައިވާ އިރު، ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދެއްކޭނީ ރައީސް ސޯލިހާ މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.