ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ރައީސްގެ ދެކަނބަލުން ދުބާއީ އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުން މަރުޙަބާ ވިދާޅުވީ ޔޫއޭއީގެ މިނިސްޓަ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް، އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނަ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިޚް ނަޙްޔާން މުބާރަކް އަލް ނަޙްޔާން އެވެ.

ދުބާއީ އެކްސްޕޯއަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރެއްވި މި ޒިޔާރަތުގައި، ރާއްޖޭގެ ޝަރަފުގައި އެކްސްޕޯގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުން މި ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން އަދި ދައުލަތުގެ މީޑިއާ ވެސް ބައިވެރިވެ އެވެ.