ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބ. މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިން ތައާރަފްކޮށް، މިހާތަނަށް 75 ރަށަކުން ފައިސާ ޖަމާކުރުމުުގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ބުނީ އޭޖެންޓް ބޭންކިންގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމްއެއް ނެތް ރަށްރަށުގައި އޭޖެންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރި ހިދުމަތެއް ކަމަށެވެ. އަދި 2015 ވަނަ އަހަރު މި ހިދުމަތް ފެށިފައި ވަނީ ހަމަ އެކަނި ފައިސާ ނެގުމަށް ކަމުގައި ވީނަމަވެސް އޭޖަންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި ކޭޝް އޭޖަންޓުން މެދުވެރިކޮށް ދުވާލަކު 2،000 ރުފިޔާއާ ހަމަޔަށް ފައިސާ ނެގޭނެ އެވެ. އަދި ކަސްޓަމަރަކަށް ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ރަށެއްގައި ހުންނަ ބީއެމްއެލްގެ ކޭޝް އެޖެންޓް ފިހާރައެއް. 75 ރަށެއްގައި ބީއެމްއެލް އިން ޑިޕޮސިޓްކުރުމާއި ޕޭމަންޓް ހިދުމަތް ލިބޭނެ. ފޮޓޯ: ބީއެމްއެލް

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިއަދު މި ފާހަގަ ކުރެވެނީ އެ ބޭންކުގެ އޭޖަންޓް ބޭންކިން ހިދުމަތް 75 ވަނަ ރަށަށް ތައާރަފް ކުރެވޭ މުހިންމު މުނާސަބާ ކަމަށެވެ.

" މިއީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކުރިޔަށް އޮތް މަސްތަކުގައި މި ހިދުމަތް މީހުން ދިރިއުޅޭ 100 ރަށަށް ފޯރުކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.

އެ ބޭންކުން ބުނިގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކުރެވިފައިވާ ފިޔަވަޅުތަކާއެކު ވެސް ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 73 ސެލްފްސާވިސް ބޭންކިން ސެންޓަރު، 134 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.