ޕީޕީއެމްއަށް މިއަދު 10 އަހަރު ފުރޭއިރު ޕާޓީގެ ރައީސް ރައީސް ޢަބްދުﷲ ޔާމީނަށް އޮތް ތާއީދު އިތުރުވަމުން އަންނަ ކަމަށް އެޕާޓީން ބުނެފި އެވެ.

ދިހަ އަހަރު ފުރުމާ ގުޅިގެން އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމް ހިމެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީގެ ގޮތުގައި ކަމަށެވެ.

އެގޮތުން ޕާޓީ އުފެދުނު ފަހުން ކުރިމަތިލީ އެންމެ ބޮޑު އިންތިހާބަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. އެ އިންތިހާބުގައި ޕާޓީގެ އެފަހަރުގެ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވާދަކުރައްވާ ވަނީ ކާމިޔާބު ކުރައްވާފައި ކަމަށެވެ. އެއާއެކު 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިގައުމާއި ރައްޔިތުންނަށް އެތައް ކާމިޔާބަކާއި ކުރިއެރުން ގެނެސްދެއްވި 5 އަހަރުގެ ވެރިކަމެއް ވަނީ ފުރިހަމަ ކުރައްވާފައެވެ. ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް ވަނީ ގެނެސްދެއްވާފައިވާ ކަމަށާއި ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެއްވައި، ދިވެހީންނަކީ ފުދުންތެރި ބަޔަކަށް ހެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުންވެސް ވަނީ އެތައް ކާމިޔާބިއެއް ހާސިލު ކުރައްވާފައި ކަމަށެވެ. ޢުމްރާނީ ގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި، ސިއްހީ ދާއިރާންނާއި، ކުޅިވަރުގެ ދާއިރާއިންނާއި އަދިވެސް އެނޫން ދާއިރާތަކުންވެސް ވަނީ މިގައުމާއި ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވި ކަމަށެވެ.

2013 ގެ ރިޔާސީ އިންތިހާބަށް ފަހު، 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ވެސް ވަނީ ޕީޕީއެމް ހޯދާ އެ އިންތިހާބު ވެސް ކާމިޔާބުކޮށްފައިވާ ކަމަށެވެ.

"ޕާޓީގެ ކާމިޔާބުގެ ސަފްހާތައް ލިޔަމުން ގެންދަނިކޮށް މި ކާމިޔާބީތަކަށް ހިޔަނި އެޅިގެން ގޮސްފައިވަނީ، ޕާޓީއަށް ފާއިތުވެ ދިޔަ ތަނުގައި ކާމިޔާބީ ހޯއްދަވައިދެއްވުމުގެ އެންމެ މުހިންމު އަދި އެންމެ އިސް ދައުރެއް އަދާ ކުރެއްވި އަދިވެސް ކުރައްވަމުން ގެންދަވާ މޭސްތިރި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްގުނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ޖަލުގައި ބަހައްޓައިގެން އަނިޔާދެމުން ގެންދާ ގެންދިއުމެވެ. އެޙާލަތުގައި އަނިޔާ ލިބެމުން ދިޔަނަމަވެސް އެމަނިކުފާނަށް ނުހައްގުން ދެމުން ގެންދާ އަނިޔާއާއި ދެކޮޅު ހަދާ އެމަނިކުފާނު ޖަލުން މިނިވަން ކުރުމަށްޓަކައި ޕާޓިއާއިއެކު ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ގެންދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށްފައިވުންވެސް ފާހަގަކޮށްލަމެވެ." ޕީޕީއެމުން ބުނެފައިވެ އެވެ.

މިވަގުތު ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ކުރިމަތިވަމުން ދާ ގެއްލުންތަކާއި ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރާކަމަށް ޕީޕީއެމުން ބުންޏެވެ. އަދި އެމަނިކުފާނު ޖަލަށްލާފައިވަނީ ޙައްޤު ނޫން ގޮތެއްގައި ސިޔާސީ ނުފޫޒާއި ބާރުން ކަން އެމަނިކުފާނުގެ ޝަރީޢަތްތައް ކުރިއަށް ގޮސްފައިވާ ގޮތް އަޑުއެހި ކޮންމެ ރައްޔިތަކުވެސް މިއަދު ޤަބޫލުކުރާކަމަށްވެސް އެޕާޓީން ބުންޏެވެ. އެހެންކަމުން، ޕާޓީގެ ފަރާތުން އިންތިޒާމު ކުރާ ކަންކަމުގައި ބައިވެރިވާ ދިވެހި ލޮބުވެތި ރައްޔިތުންގެ ޢަދަދުވެސް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަކަން ޕާޓީން ފާހަގަކުރެ އެވެ.

"އެއާއެކު ޕާޓީއާއި ގުޅެމުން ގެންދާ ދިވެހި ރައްޔިތުންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. ހަމައެހެންމެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ދިވެހި ރައްޔިތުންގެ ޢަދަދުވެސް ހާހުން އިތުރުވަމުންދާ ކަމީ މިއަދު ޕާޓީއަށް ލިބެމުންދާ އެންމެ ބޮޑު ހިތްހަމަޖެހުމާއި ކާމިޔާބީ އެވެ."

ޕީޕީއެމަށް 10 އަހަރު ފުރޭއިރު މިއަދު އެޕާޓީއަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. އެޕާޓީގެ ވެރިކަމުގެ 5 އަހަރުގައި ރާއްޖެއަށް އިންގިލާބީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވެ އެވެ. އަދި މިހާރުގެ ސަރުކާރަށް އެ ސްޕީޑުގައި މަސައްކަތް ނުކުރެވޭތީ ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.