ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލިހުގައި އުޅުއްވަނިކޮށް ހާލު ދެރަވެގެން އޭޑީކޭ އަށް ގެންގޮސްފި އެވެ.

ޝިޔާމް އޭޑީކޭ އަށް ގެންދިޔައީ، ބައެއް މެމްބަރުންގެ އެހީތެރިކަމާއެކުގައެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޝިޔާމްގެ ހުން ގަދަވެ، މަޖިލިހުގައި އިންނެވޭ ވަރު ނުވެގެން އޭޑީކޭ އަށް ވަޑައިގެންނެވީ އެވެ. އަދި އޭނާގެ ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ޝިޔާމަށް މިހާރު ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގެ އެމަޖެންސީ ރޫމުގަ އެވެ.

ޝިޔާމަށް ސްޓްރޯކެއް ޖެހުނު ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ޕީޕީއެމުން އެކަން ދޮގުކުރެ އެވެ.

ޝިޔާމަށް ސްޓްރޯކެއް ނުޖެހޭ. އޭނާގެ ހުން ވަރަށް ބޮޑަށް ގަދަވީ، މަޖިލީހަށް ވަޑައިގެންނެވި އިރު ވެސް ހުން ހުރި ކަމަށްވޭ. އެކަމަކު މާ ބޮޑަށް އުނދަގޫވާން ފެށީމަ ހޮސްޕިޓަލަށް ވަޑައިގެންނެވީ،" މެމްބަރަކު ވިދާޅުވި އެވެ.

މެންބަރު ޝިޔާމްގެ ސިއްހީ ހާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލްއަށް ގެންދެވުނުއިރު، މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ޝިޔާމްގެ މައިބަދައަށް އަނިޔާވެގެން އޭޑީކޭއިން ފަރުވާ ހޯއްދަވާފައިވެ އެވެ.

އޭރު ވެސް ހިނގާބިނގާވެ އުޅުއްވަން ދަތިވެ ގިނަ ދުވަސްތަކަކަށް އެނދުމަތީ އަރާމު ކުރައްވަން ވެސް ޝިޔާމްއަށް ޑޮކްޓަރުން އޭރު ލަފާ ދީފައިވެ އެވެ. އެއާ އެކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައާއި އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވަޑައިނުގަންނަވާ މަހެއްހާ ދުވަހު ޝިޔާމް ފަރުވާ ހޯއްދެއްވުމުގައި ހޭދަ ކުރެއްވި އެވެ.