ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ނިންމައިފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން، ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން އެދުމުން، ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ދޭން ދެކޮޅު ހަދާފަ އެވެ. އެކަމާ ގުޅިގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން އެ އޮފީހުން ވަނީ ދެ އަޑުއެހުމެއް ބާއްވާފައެ ވެ.

އެ ނޫޙުން ބުނީ އެ އަޑުއެހުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ނިންމި ނިންމުމުގައި ވަނީ އިންޑިއާ ސިފައިން ތިބޭ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށެވެ.

އިންފޯމޭޝަން ކޮމިޝަނުން އެ ގޮތަށް ނިންމިއިރު، ޑިފެންސް މިނިސްޓްރީން ވެސް ބުނެފައި ވަނީ ރާއްޖޭގައި ތިބޭ އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށެވެ. އަދި އެ މައުލޫމާތު ހާމަކުރުމުން އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނުން މިއަދު އެގޮތަށް ނިންމާފައިވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށްފަހު ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފްގެ ވެރިންނާއެކު އިންފޯމޭޝަން ކޮމިޝަނަރު ސިއްރު ބައްދަލުވުންތަކަކަށްފަހު ކަމަށް އެ ނޫހުން ބުނެފައިވެ އެވެ. އެ ބައްދަލުވުންތަކުގައި މި މައުލޫމާތު ހާމަނުކުރުމުގައި ޑިފެންސުގެ ގާނޫނީ ހުއްޖަތު، އިންފޯމޭޝަން ކޮމިޝަނަރާ ހިއްސާކޮށްފައިވާ ކަމަށް ކޮމިޝަނަރު މިއަދު ވިދާޅުވި އެވެ.