ބަޣްދާދު (07 ނޮވެމްބަރު) އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ކަދީމީ ދިރިއުޅުއްވާ ގެކޮޅަށް ޑްރޯން ހަމަލާއެއްދީ އޭނާ އަވަހާރަ ކޮށްލަން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ބަޣްދާދުގައި ހުންނަ މުސްތަފާގެ ގެކޮޅަށް އަމާޒުކޮށް އާދީއްތަ ދުވަހު ދިން މި ހަމަލާގައި އޭނާއަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި ފުރިހަމަ ސިއްހަތެއްގައި ހުންނެވި ކަމަށާއި މި ހަމަލާއާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް ވެސް އަސްކަރިއްޔާއިން ބުނެފައިވެ އެވެ.މުސްތަފާގެ ފުރާނައަށް ގެއްލުން ދިނުމުގެ ގޮތުން ދިން ނާކާމިޔާބު ހަމަލާއަށްފަހު ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ ހުންނެވީ ފުރިހަމަ ސިއްހަތެއްގައި ކަމަށާއި އާއްމު ފަރުދުން މި ދަނޑިވަޅުގައި މަޑުމައިތިރި ކަމާއެކު ތިބުމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އަލްހަމްދުﷲ! އަޅުގަނޑު މިހުރީ ގަދަވެ ސަލާމަތުން ފުރިހަމަ ސިއްހަތެއްގައި. މިވަގުތު އާއްމު ރައްޔިތުން މަޑުމައިތިރި ކަމާއެކު ތިބުމަށް ގޮވާލަން" މުސްތަފާގެ ޓުވީޓްގައިވެ އެވެ.

މި ނުރައްކާތެރި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވާއިރު އޭގެ ކުރިން އިރާގަށް ވާގިވެރިވާ ޝީއީ ސަޕޯޓަރުން ވަނީ މުސްތަފާގެ ގެކޮޅު ކައިރީގައި މިދިޔަ މަހުގެ އިންތިހާބުގެ ނަތީޖާތަކާ ދެކޮޅު ހަދައި މުޒާހަރާ ކޮށްފަ އެވެ.

މުސްތަފާއަށް އަމާޒުކޮށް ދިން މި ހަމަލާ އެމެރިކާއާއި ސައޫދީ އަރަބިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. -- އަލް އަރިބިއްޔާ