ވޮޝިންޓަން (09 ނޮވެމްބަރު) - މުޅި ދުނިޔެއިން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 250 މިލިއަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ދަ އެސޯސިއޭޓަޑް ޕްރެސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ ގައުމެއްގެ ވެސް ރަސްމީ މަސްދަރުތައް ބޭނުންކޮށްގެން އެސޯސިއޭޓަޑް ޕްރެސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ޖީއެމްޓީ ގަޑިން މެންދުރު 12:00 ޖެހުމާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 250 މިލިއަން ފަސްދީފަ އެވެ.

އެއާއެކު ޕެންޑަމިކް ފެށުނު ފަހުން އެ ބަލީގައި މުޅި ދުނިޔެއިން ފަސް މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެސް ރެކޯޑު ކުރެވިފައިވެ އެވެ. ނަމަވެސް ބަލިން ރަނގަޅުވި މީހުންގެ ނިސްބަތް ގިނަކަމަށް އެރިޕޯޓުގައި ފާހަގަ ކޮށްފައި ވާއިރު ރަނގަޅު ވުމަށްފަހު ބަލީގެ އަލާމާތްތައް ފެންނަ މީހުން ވެސް އުޅޭ ކަމަށް ރިޕޯޓުގައި ބަޔާން ކޮށްފައިވެ އެވެ.

ކޮވިޑްގެ އަލާމާތްތައް ނެތް ބަލިމީހުން ޓެސްޓު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވުމުން މި ރިޕޯޓުގެ ހިސާބުތަކަށްވުރެ ވެސް ގިނަ ކޭސްތަކާއި މަރުތައް ރެކޯޑް ނުކުރެވި ވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިހާތަނަށް އެންމެ ގިނަ ކޮވިޑް ކޭސްތައް ރެކޯޑު ކުރެވިފައިވަނީ ޔޫރަޕް ބައްރުންނެވެ. އެބައްރުން 76 މިލިއަނަށްވުރެ ގިނަ ކޭސްތައް ރެކޯޑު ކުރެވިފައިވާއިރު ދެވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވާ އޭޝިއާ ބައްރުން ރެކޯޑު ކުރެވިފައިވަނީ 56 މިލިއަން ކޭސް އެވެ.

މުޅި ދުނިޔެއިން ދުވާލެއްގެ މައްޗަށް ރެކޯޑު ކުރެވޭ ކޮވިޑް ކޭސްތަކުގެ އަދަދު މިދިޔަ ހަފްތާތަކުގެ ތެރޭގައި ވަނީ މަތިވާން ފަށާފަ އެވެ. – އަލް އަރަބިއްޔާ