އަންނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އަތޮޅުތެރޭގެ ހުރިހާ ރަށްތަކުގައި އެމްބިއުލާންސް ހަމަވާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އެމްބިއުލާސްތަކުގެ ހިދުމަތް ނުލިބުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

އެހެންނަމަވެސް މި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ނަސީމު ވަނީ ވިދާޅުވެފަ އެވެ. އަދި އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ އިތުރު 96 އެމްބިއުލާންސެއް އަންނަ އަހަރު ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފަވެ އެވެ.

"އެޕްރީލް މަހާ ހަމަޔަށް ހުރިހާ އެއްޗެއް ޑެލިވާކޮށް ނިމޭނެކަމަށް މައުލޫމާތު ލިބިފައިވަނީ،" ނަސީމް ވިދާޅުވި އެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައި ވަނީ އެމްބިއުލާންސް ހަލާކުވުމުގެ ސަބަބުން ބަލި މީހުން ބަރޯއަށާއި އެހެނިހެން ގޮތްގޮތުން ސިއްހީ މަރުކަޒަށްގެންދާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ފެތުރި، ފާޑުކިޔުންތައް އިތުރުވެފައި ވަނިކޮށެވެ.

ހެލްތު މިނިސްޓްރީން ބުނީ އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހު އަތޮޅުތެރެއަށް އެމްބިއުލާންސްތަައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދާނެ ކަމަށެވެ.