ލޯބިވާ މީހަކު ވަކި ވެގެން ދިއުމަކީ މީހެއްގެ ދިރިއުޅުމުގައި ދިމާވާނެ އެންމެ ހިތާމަވެރިކަމާއި މެދު ޝައްކެއް ނުކުރަމެވެ. އެމީހަކާ ނުލާ ދިރިއުޅެން އުނދަގޫވެ އެވެ. އުނދަގޫ ވަގުތުތަކުގައި ކައިރީގައި ހުންނާނެ ނަމައޭ ހިތަށް އަރާނެ އެވެ.
އެއީ ކިތަންމެހާވެސް އުނދަގޫ ކަމެކެވެ. އެކަމަކު އަބަދު ދިޔަ މީހުންގެ މަތިން ހަނދާންކުރުމަކުން ވަކި ފައިދާއެއް ނުކުރާނެ އެވެ. އެމީހާ އެނބުރި އަންނާނެ ކަމުގެ އުންމީދު ކޮށްގެން ހުރުމުން ވަކި ހިތްހަމަޖެހުމެއް ނުލިބޭނެ އެވެ. ހަނދާން ކުރަންވީ ކަމަކީ ތިމާގެ ދިރިއުޅުމުގައި ހުންނަން ބޭނުންވާ މީހަކު އަބަދުވެސް އެގޮތުގައި ހުންނާނެ ކަމެވެ.
މީގެ މާނައަކީ އެމީހާ ދެކެ ރުޅިއަންނާށެކޭ ނޫނެވެ. ކޮންމެ މީހަކު ވެސް ވަކިވެގެންދާނީ ނިކަން ބައިވަރު ފިލާވަޅުތަކެއް ދަސްކޮށްދީފަ އެވެ. އެމީހާ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ބަދު ދުޢާ ކުރުމުގެ ބަދަލުގައި ހެޔޮ ދުޢާ ކުރާށެވެ. އަބަދުވެސް ރަނގަޅުގޮތް ވާން އެދޭށެވެ. އެހެން ނަމަވެސް ކިތަންމެ ހަނދާން ވިޔަސް އެނބުރި އަންނާނެ ކަމުގެ އުންމީދު ނުކުރާށެވެ.
ތިމާގެ ދިރިއުޅުމުން ދިޔަ މީހުންނާ ދޭތެރޭ ނުވިސްނާ ތިބި މީހުންނާ ދޭތެރޭ ވިސްނާށެވެ. އެއީ ތިމާ އެމީހުންނަށްދޭ ލޯތްބަށްވުރެ ދެގުނަ ލޯބި ތިމާއަށްދޭ މީހުންނެވެ. އެމީހުންގެ ދިރިއުޅުމަށް ތިއީ މުހިއްމު މީހެކެވެ. އެކަން އަބަދުވެސް އިހުސާސު ކޮށްދޭނެ އެވެ. ނެތް މީހުންނާ ދޭތެރޭ ވިސްނުމުގެ ބަދަލުގައި ތިބި މީހުންގެ މުހިއްމުކަން އަމިއްލަ އަށް ގަބޫލުކުރާށެވެ.
ގޯސްކޮށް ހިނގާދިޔަ ހުރިހާ ކަންތަކާއިމެދު ވިސްނަންޏާ ދިރިއުޅުމުގައި ހުރި ރަނގަޅު ކަންތައްވެސް ނުފެންނާނެއެވެ. މާޒީގެ ހިޔަނި މިއަދަށް އެޅުނަ ނުދޭށެވެ. އޭގެ ބަދަލުގައި މީހުންނަށް ފުރުސަތު ދޭށެވެ. ދިރުއުޅުމުގައި ހުރި ހުސް ޖާގަތައް ރަނގަޅު މީހުންނާއި އުފާވެރި އިހުސާސުތަކުން ފުރާލާށެވެ. ދިޔަ މީހުންގެ މަތިން ހަނދާން ނައްތާލާ ތިބި މިހުންނާއެކީ އާފެށުމަކުން ފަށާށެވެ.