ރަނގަޅު ޝަހްސިއްޔަތެއް ނުވަތަ ޕާސަލިޓީއަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އެހެން މީހުންގެ މެދުގައި ތިބާގެ ގަދަރާއި އިހްތިރާމް ހިފެހެއްޓޭނީ ރަނގަޅު ޝަހްސިއްޔަތެއް ލިބިގެންނެވެ. މި ލިޔުމުގައި މި ބަލާލަނީ ޝަހްސިއްޔަތ ރަނގަޅު ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ހެދުން އެޅުމުގައި ވަކި މިންގަނޑެއް ހިފެހެއްޓުން
ކޮންމެ މީހަކީވެސް މިޒަމާނުގައި ފެޝަނަށް ލޯބި ކުރާނެ މީހެކެވެ. އެހެންމީހަކު ހެދުން އަޅާގޮތް ރީތިވެގެން އެކަން ނަކަލު ކުރަން އުޅޭ މީހުންވެސް މިހާރު މަދެއް ނޫނެެވެ. އެހެންނަމަވެސް އަނެކާ ހެދުން އަޅާ ގޮތަކީ ތިމާއަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ނުވެދާނެ އެވެ. ނުވަތަ އެ ހެދުމެއްގެ ކުލައަކީ ނުވަތަ ހަދާފައިވާ ޑިޒައިންގެ ސަބަބުން ތިމާ އެންމެ ހިތްހަމަ ނުޖެހިދާނެ އެވެ. އެހެންކަމުން އެންމެ ރަގަޅު ގޮތަކީ ތިމާއަށް ފަސޭހަ ހަށިގަނޑާ ގުޅޭނެ ގޮތަކަށް ހެދުން އެޅުމެވެ. ތިމާއަކީ ކޮންކަހަލަ މީހެއްކަން ގިނަ ފަރަހަށް މީހުން ސިފަ ކުރާނީ ތިމާ ހެދުން އެޅުމުގެ މިންގަނޑަށް ބަލައިގެންނެވެ.
ރީތި އާދަތަތައް
އަދާކުރާ ވަޒީފާއެއްގެ ގޮތުން މީހުންނާ ވާހަކަ ދައްކާ އެމީހުންނަށް ހިދުމަތް ދިނުމުގައި ވަގުތު ހޭދަ ކުރަންޖެހޭ ފަހަރު އާދެ އެވެ. މިފަދަ ވަގުތެއްގައި ތިމާގެ ވާހަކަ ދެއްކުމާއި ހަރަކާތްތައް ބަހައްޓާގޮތުން ތިމާއަކީ ކޮންކަހަލަ މީހެއްކަން ވަރަށް ރީތިކޮށް އެނގިގެން ދާނެ ކަންކަމެވެ. އަންނަ ކަސްޓަމަރުންނަށް ހިތް ހެޔޮކަމާ ހިނިތުން ވުމާއެކު ހިދުމަތް ދީފިނަމަ އެމީހެއްގެ ހިތުގައި ތިމާއަށް ކޮންމެވެސް ވަރެއްގެ ގަދަރަކާއި އިހުތިރާމެއް އުފެދޭނެކަން ޔަގީނެވެ. އެހެންމަނަވެސް ހިދުމަތް ހޯދަން އަންނަ މީހަކު ކައިރިން އަވަހަށް ސަލާމަތް ވުމަށް “ރުންކުރުކޮށް” ތިމާގެ އަމަލުތައް ބެހެއްޓެމަކީ ގޯހެކެވެ.
އަމިއްލަ ނަފްސަށް އިތުބާރު ކުރުން
މަސައްކަތެއް ފުރިހަމަކުރުމަށްޓަކައި ތިމާ އަމިއްލަ ނަފްސަށްކުރާ އިތުބާރަކީ މުހިއްމު ރޯލެއް އަދާ ކުރާ އެއްޗެކެވެ. ސަބަބަކީ ކަމެއް ކުރުމަށް ފަށާއިރު ތިމާއަށް އެކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީކަން އޮތްނަމަ އެެހެންމީހުންވެސް ތިމާއަށް ކަންކަމުގައި އިތުބާރު ކުރާމިންވަރު ބޮޑު ވާނެ އެވެ. ކާމިޔާބު ވާނެކަމުގެ އެއްވެސް އިތުބާރެއްނެތި ފަށާކަމެއް ކުރުމުގެ ޝައުގުވެރިކަމެއްވެސް ގިނަ ފަހަރަށް ނުހުންނާނެ އެވެ.