ޒަމާނަށް އައި ކުރިއެރުމާއެކު ހަށިގަނޑަށް ފައިދާހުރި ކާނާ ދެނެގަތުމަކީ މާ އުނދަގޫކަމެއް ނޫނެވެ. އެގޮތުން އޯޓްސްއަކީ ފަހަކަށް އައިސް ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކާނާއެކެވެ. ހާއްސަކޮށް އެއީ ބަރުދަން ލުއިކުރަން މަސައްކަތްކުރާ ފަރާތް ތަކުގެ ހާއްސަ އެކުވެރި އެކެވެ.
ތަފާތު ގޮތްގޮތަށް އޯޓްސް ތައްޔާރުކޮށްލެވޭ އިރު ގިނަފަރާތް ތަކަށް ކަމުދަނީ ކުޅިކޮށް ތައްޔާރުކޮއްލާ އޯޓްސްގެ ބާވަތް ތަކެވެ. އޭގެ އިތުރުން ކިރަށް އޯޓްސް އަޅައިގެން، ކުޅިކޮށް ނުވަތަ ލޮނުކޮށް ކައްކައިގެން، އޯޓްސް ބިސްގަނޑު އަޅައިގެން، އޯޓްސް ރޮށީގެ ގޮތުގައި، އޯޓްސް ބޯކިބާ ފިހެގެން، އަދި މި ނޫން ވެސް ތަފާތު ގޮތްގޮތަށް އޯޓްސް ތައްޔާރު ކުރެވެ އެވެ.
އޯޓްސް އަކީ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން ހިމެނޭ އެއްޗެކެވެ. ކައްކާފައިވާ އޯޓްސް ޖޯޑެއްގައި ގާތްގަނޑަކަށް 160 ކިލޯ ކެލޮރީ، 30 ގުރާމް ކާބޯހައިޑްރޭޓްސް، ހަ ގުރާމް ޕްރޮޓީން އަދި އެއް ގުރާމް ފެޓް ހިމެނެ އެވެ. މިއީ އެވްރެޖްކޮށް މީހަކަށް މައިގަނޑު ގޮތެއްގައި ކާ ގަޑިއަކަށް ގޮވާމުގެ ބައިން ބޭނުންވާ މިންވަރެވެ.
ގަވައިދުން އޯޓްސް ކެއުމުގައި ބޭނުންކުރާނަމަ ހަކުރު ކޮންޓްރޯލްކުރަން ފައްސޭހަވެ، ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީވުމުގެ އިތުރުން ބަރުދަން ލުއިކުރަން ފަސޭހަވެ އެވެ.
އޯޓްސް އަކީ ހިތުގެ ދުޅަހެޔޮކަމަށް އަދި ގޮހޮރުގެ މައްސަލަތަކުގެ އިތުރުން ގައިގެ ހަންގަނޑު ކެހުމާއި ހިރުވުމުގެ މައްސަލަތަކަށް ވެސް ފަރުވާއެއްކަމުގައި ސިއްހީ މާހިރުން ފާހަގަކުރެ އެވެ.
މި ސަބަބަށްޓަކައި އަވަދިނެތިވެ އުޅޭ އުޅުމުގައިވެސް ތައްޔާރުކޮށްލަން ފަސޭހަ މި ކާނާއަކީ ދިވެހިންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން މުހިންމު ކާނާ އެކެވެ.