ދައުލަތުގެ ހަރަދަށް ޒިއްމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑު ކުރުމަށްފަހު ފައިސާ ޗާޕުކުރުމަށް ސަރުކާރަށް ދީފައިވާ މުއްދަތު 2023 އަށް އިތުރުކޮށް ފައިސާ ޗާޕުކުރުމަށް އެމްޑީޕީގެ މެމްބަރުން ތާއީދުކޮށްފި އެވެ.

ފައިސާ ޗާޕުކުރަން މަޖިލީހުން ސަރުކާރަށް ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން އެދި ސަރުކާރުން ފޮނުވި ފޮނުވުމާ ގުޅިގެން މާލިއްޔަތު ކޮމިޓީން ތައްޔާރުކޮށް މަޖިލީހަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ ފައިސާ ޗާޕުކުރުމަކީ މިހާރުކުރަން އޮތް އެންމެ މުހިއްމު ކަންތައް ކަމުގަ އެވެ. ޝިފާޢު ވިދާޅުވީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އެއްވެސް އަސާސީ އެއްޗަކަށް ނުޖެހި ހިފަހައްޓައިދީފައިވަނީ ފައިސާ ޗާޕުކޮށްގެން ކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށްވެސް އެ ފައިސާ ބޭނުންކުރި ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާޢު ވިދާޅުވެފައިވަނީ ކޮވިޑުގެ ހާލަތުގައި އިގްތިސާދު މެނޭޖުކުރުމުގައި ސަރުކާރުން ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައިވާ ކަމަށެވެ. ބޮޑު ޕެންޑަމިކެއް އޮތްކަމުގެ އިހުސާސުނުވާ މިންވަރަށް ސަރުކާރުން ހުރިހާ ކަމެއް މެނޭޖުކުރިކަމަށްވެސް ޝިފާޢު ވިދާޅުވި އެވެ. އަދި ފައިސާ ޗާޕުކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުން ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް އަފޫރު މޫސާ ވިދާޅުވީ ވިދާޅުވީ އެކަންކޮށްގެން ނިކުންނާނެ ގޯސް ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާ ފެންނަ ކަމަށެވެ. އަދި މިހާރުވެސް ހުރިހާ ރަށެއްގައި ޕްރޮޖެކްޓުތައް ހިންގަމުންދާ ކަމަށާއި، ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް ބާރަށް ހިނގަމުން ދާކަމަށެވެ. ފައިސާ ޗާޕުނުކޮށްފިނަމަ މަސައްކަތްތައް ހުއްޓާލަން ޖެހިދާނެ ކަމަށާއި ގައުމު ކުރިއަށް ބާރަށް ދާންޖެހޭ ކަމަށްވެސް ޣަފޫރު ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީން ގައުމު ހިންގޭނެ ކަމަށާއި އިތުރު ފައިސާ ބޭނުންވަނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްކަމަށެވެ. އެކަންކަން ހުއްޓައިލުމަށް ހުރިހާ މެމްބަރުން އެދިވަޑައިގެންފިނަމަ އިތުރަށް ފައިސާ ޗާޕުނުކޮށް ހަރަދުތައް ދެކޮޅު ޖެއްސޭނެކަމަށް ސަނީފު ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ސަރުކާރެއްގެ މައްޗަށް ވާޖިބުވެގެންވަނީ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓޭހިނދު އެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް މަސައްކަތް ކުރުންކަމަށާއި އިގްތިޞާދު ރިބައުންޑު ކުރުމަށްޓަކައި އަޅަންޖެހޭ ދަތި ފިޔަވަޅުތައްވެސް އެޅުންކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔެ އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރޭގައި އޮތްއިރު އަދި ރާއްޖޭގެ އިގްތިސާދުވެސް ބޮޑު އަނދަވަޅެއްގައި އޮތްއިރު ސަރުކާރުން އިގްތިސާދު މެނޭޖުކޮށް އަދި ޕަބްލިކް އެކައުންޓު އޯވަޑްރާފްޓް ކުރުމަށް މަޖިލީހުން ދިން ހުއްދަ ހެޔޮގޮތުގައި ބޭނުންކޮށްގެން ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ ސަލާމަތްކޮށްދިންކަމަށްޓަކައި ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ޝުކުރު އަދާކުރައްވާކަމަށެވެ.