އަލި ނުވަތަ އަނދިރިކަމުގެ ސަބަބުން އިންސާނުންނަށް ކުރާނެ އަސަރެއް ނެތް ކަމަށް ހީކުރެވިފައި އޮވެ އެވެ. ނަމަވެސް މިފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އާޓިފިޝަލް އަލިތަކުގެ ސަބަބުން އިންސާނުންގެ ކައްޓާއި މަސްތަކަށް ނިކަމެތިކަން ލިބި ބަލިވެ އެވެ.

މި ދިރާސާކުރުމަށް ސައިންސްވެރިން ވަނީ މީދާތަކެއް ހަ މަސް ދުވަސް ވަންދެން ބޮކި އަލީގައި ގެންގުޅެފަ އެވެ. އަދި އޭގެ ފަހުން މި މީދާތަކުގެގެ ހާލަތު ވަޒަންކުރި އިރު ހަށިގަނޑުގައި ޖަހާފައި ހުރި މަސްތައް މަދުވުމާއި ކަށި ފީވުމުގެ މައްސަލަ ފާހަގަވި އެވެ. އަދި މި މައްސަލަތަކާ އެކު ހަށިގަނޑުގެ ދިފާއީ ނިޒާމު ދިޔައީ އިންފެކްޝަނަކާ ދެކޮޅަށް މަސައްކަތްކުރާ ފަދަ ގޮތަކަށް މަސައްކަތް ކުރަމުންނެވެ.

ދިރާސާ ޓީމުން ބުނީ ހަށިގަނޑަށް މި ބަދަލު އަންނަނީ ދުވާލާއި ރޭގަނޑުގެ ތަފާތު އިހްސާސް ނުވާތީ ކަމަށެވެ. ދުވާލާއި ރޭގަނޑުގެ ތަފާތު އިންސާނުންނާއި ޖަނަވާރުންގެ ހަށިގަނޑަށް ވެސް ތަފާތުވާންޖެހޭކަން ދިރާސާއިން އެނގޭކަން ޓީމުން ފާހަގަކޮށްފައިވެ އެވެ.

"އަހަރެމެން ގަބޫލުކޮށްގެން މި ތިބެނީ އަލިކަމާއި އަނދިރި ކަމުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރެއް ނެތް ކަމަށް،" ނެދަލެންޑްސްގެ ލީޑެން ޔުނިވަސިޓީ މެޑިކަލް ސެންޓަރުގެ ޕްރޮފެސަރު ޖޮހާނާ މެއިޖާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މިއީ ކުށް ހީއެއްކަން ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮށްފައިވާ މިފަދަ ދިރާސާތަކުން މިހާރު ކަށަވަރުވާ ކަމަށެވެ.

އާ ދިރާސާގައި ބުނެފައި ވަނީ އަލީގެ ސަބަބުން މީދާތަކުގެ ސިއްހަތަށް ކުރި ނޭދެވޭ އަސަރު އެސޮރުމެން ގުދުރަތީ އަލީގައި ގެންުޅެން ފެށުމުން ރަނގަޅުވާން ފެށި ކަމަށެވެ.

ދުނިޔޭގެ އާބާދީގެ 75 ޕަސެންޓް އުޅެނީ ދުވާލާއި ރޭގަނޑު ވެސް ބޮކި އަލީގެ ތެރޭގައި ކަމަށް ދިރާސާއެއްގައި ބުނެފައިވެ އެވެ. އަދި ރޭގަނޑު ގަދަ އަލީގައި އުޅޭ މީހުން ގިނަ ސަރަހައްދުތަކުގައި އުޅޭ މީހުންގެ ކިބައިން ސިއްހީ ބައެއް މައްސަލަތައް ގިނައިން ފެންނަކަން ވެސް ފާހަގަވެފައިވެ އެވެ.