ވަގުތު ނެތިގެން އުޅޭއިރު، ހިނގާފައި ދަމުން ނުވަތަ މަސައްކަތުގައި އުޅެމުން ކެއުމަކީ ބައެއް މީހުންގެ އާދައެކެވެ. އެކަމަކު ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި މިގޮތަށް ކެއުމަކީ ބަނޑުގައި ގޭސް އުފެދެން މެދުވެރިވާނެ ސަބަބެކެވެ.

ކާއެއްޗިއްސަށް ބޭނުންވާނީ ވަރަށް ހަމަޖެހިފައިވާ ހަށިގަނޑެކެވެ. އެހެން ނޫނީ، ކާތަކެތި ރަނގަޅަށް ހަޖަމެއް ނުވާނެ އެވެ. ކާނާއިން އެކަށީގެންވާ ގޮތުގައި ހަކަތަ އުފައްދައިދޭނީ ހަމަޖެހިފައި އިނދެގެން ކެއުމުންނެވެ.

ކައިގެން ދެ ގަޑިއެއްހާއިރު ވާއިރު ވެސް ބަނޑަށް ހަމަޖެހުމެއް ނުލިބޭ ކަމަށް ހީވޭ ހެއްޔެވެ؟ މާބޮޑަށް ބަނޑަށް އުނދަގޫވެފައި ނުވަތަ ފުރިފައި ހުންނަހެން ހީވޭ ހެއްޔެވެ؟

މިއީ ކެވުނު ގޮތް ރަނގަޅު ނޫންކަން އަންގައިދޭން ހަށިގަނޑު ކުރާ މަސައްކަތުން ދިމާވާ ކަމެކެވެ. ކެވުނީ އެކި ތަންތަނަށް ހިނގަމުން ކަމަށްވާ ނަމަ މި ހަރަކާތްތަކުގެ ސަބަބުން، ބަނޑުގައި ހުންނަ ޑައިޖެސްޓިވް ޖޫސް ހަމައަކަށް ނޭޅޭނެ އެވެ. ކެއުމަށްފަހު އެތައް އިރެއް ވާއިރު ވެސް ބަނޑަށް އުނދަގޫވަނީ އެހެންވެ އެވެ.

ބައެއް ފަހަރަށް، ކައި ނިމުމުން ކާ އެއްޗެހި ބަނޑުތެރޭގައި ރޯލްވާ ކަހަލަ ގޮތްތަކެއް އިހްސާސް ވޭހެއްޔެވެ؟ މިހެން ދިމާވަނީ ކާ ވަގުތު ހަމަޖެހިލައިގެން އިށީނދެ ނީނުމުގެ ސަބަބުން ،ކޭ އެއްޗެހި އެކަށީގެންވާ ގޮތަކަށް ހަޖަމު ނުކުރެވުނީމަ އެވެ. ތެލުލާފައި ހުންނަ އެއްޗިއްސާއި ކުޅި އެއްޗެހި ކެއުމުން ވެސް މިގޮތަށް ދިމާވެ އެވެ. އެހެންކަމުން ޗިޕްސް ފަދަ އެއްޗެހި ވެސް ކޮންމެ ދުވަހަކު ނުކެއުން ރަނގަޅެވެ.

އޮފީހަށް ދާން ގަޑި ޖެހޭތީ އަވަސް އަރުވާލާފައި އުޅޭ ވަގުތު ނުވަތަ ކަސްރަތު ކޮށް ނިމުމާ އެކު، އައިސްއަލަމާރިން ނަގައިގެން ކިރު ތައްޓެއް ނުވަތަ ޕްރޮޓީން ޝޭކެއް ފަދަ އެއްޗެއް ބައެއް މީހުން ބޯލަ އެވެ. މިގޮތަށް އަވަސްއަރުވާލާފައި ކިރުގެ ބާވަތެއް ބޮއެފިނަމަ ބަނޑަށް އުނދަގޫވެ މޭ ނުބައިކުރާ ގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ދިމާވަނީ މިލްކް ސޮލިޑްސް އަކީ ހަޖަމުކުރަން ވަރަށް ބަރު އެއްޗަކަށް ވާތީ އެވެ. ކިރު އެކުލެވޭ ކޮންމެ އެއްޗެއް ނަމަވެސް ބޯން ޖެހޭނީ ވަރަށް ހަމަޖެހިލައިގެން ތަނެއްގައި އިށީނދެ އިނދެ ލަސް ލަހުންނެވެ.

ކިތަންމެ ވަރަކަށް ކޮންޓްރޯލް ކުރަން އުޅުނަސް ގޭހަކީ ބަނޑުތެރޭގައި އުފެދޭ އެއްޗަކަށް ވާތީ އެ އުފެދުން ކޮންޓްރޯލެއް ނުވެ އެވެ. އެކަމަކު ހަމަނުޖެހި ހުރެގެން ކައިބޮއެ އުޅޭ ނަމަ މައްސަލަ އިތުރަށް ގޯސްވެ އެވެ.