ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން" މިއަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ދުވުން ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 17 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި އެވެ. އަދި މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޑިސެމްބަރު ދެ ވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ.

"ބީއެމްއެލް ވާއު ކިޑްސް ރަން" ގައި ކުދިންތަކެއް ދުވަނީ. މިފަހަރުގެ ދުވުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު 17 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި. ފޮޓޯ: ބީއެމްއެލް

ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން 4 އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކު އެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ދުވުމުގައި ވެސް 1،200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.